މަސްދޯނިތަކުގައި ފައިސާގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުން ތިބޭކަން ޔަޤީންކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްވެރިކަމުގެ ދޯނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކޯސްތަކެއް އެކުލަވާލައި، އެ ކޯސްތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކޮންމެ ދޯންޏެއްގައިވެސް ފައިސާ ބެލެހެއްޓުމުގެ ނިޒާމަކީ އެކަށީގެންވާ ގޮތެއްގައި ޤާއިމްކުރެވިފައިވާ ނިޒާމަކަށް ހެދުމަށްޓަކައި، ކޮންމެ ދޯންޏަކުންވެސް އެފަދަ ތަމްރީނު ކުރެވިފައިވާ އެކަކު ހުރިކަން ޔަޤީންކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" މުއްޠަލިބު ވިދާޅުވިއެވެ.
މި މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވެ، މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުން ވަނީ ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ފަށާފައެވެ.