އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމު އިއްޔެ ވިލިމާލޭގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، އާއިލާތަކުގެ ހާލަތު ރަނގަޅުކޮށް، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވަނީ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކުގައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ގެތަކަށް ޒިޔާރަތްކުރައްވާފައެވެ. ވުޒާރާއިން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުންނެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.