މިއަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދައިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ޚަރަދުކޮށްފައިވާ އަދަދެވެ.
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 738 މިލިޔަން ރުފިޔާއެވެ.
މީގެއިތުރުން، މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ އަދަދު 260،725 ގައި ހުރިއިރު، މި އަހަރު މި އަދަދުވަނީ 265،059 އަށް އިތުރުވެފައެވެ.
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވެއެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.
އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ވެސް މިހާރު ވަނީ ސަރުކާރުން ހަމަޖައްސާފައެވެ. މިކަމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ފަސޭހައެއް ކަމުގައި ބެލެވެއެވެ.