ރާއްޖެއާއި ތުރުކީގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖެއާއި ތުރުކީގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ތުރުކީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާއެކު އެއްބާރުލުމުގެ ޕްރޮޓޮކޯލެއްގައި ސޮއިކުރައްވައިފިއެވެ.

މި މަހުގެ 6 އިން 8 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ވަޒީރު އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. މުރާދު ޔޫލެކްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ ވަފުދުތަކުގެ ބައިވެރިވުމާއެކު އެއްބާރުލުމުގެ ޕްރޮޓޮކޯލްގައި ސޮއިކުރެވުނެވެ.

ޒިޔާރަތުގެ ތެރޭގައި ވަޒީރު ވަނީ އެ ޔުނިވަރސިޓީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯއްދަވައި، ޔުނިވަރސިޓީގެ ލެބޯޓަރީތަކުގައި ކުރެވެމުންދާ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން، ވަޒީރު ވަނީ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާ ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް އެ ޤައުމުން ލިބެންހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅަކީ ތުރުކީ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ވަޒީރުގެ އަރިހުގައި މި ވުޒާރާގެ ނައިބު ވަޒީރު އާމިނަތު ޝަޝީ އާއި ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރު ގުޅުން ބަދަހިވެ، ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން