ގެސްޓްހައުސްތަކަށް ޚާއްސަ ލޯނެއް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
"ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވަޒީރު ފައިޞަލް ވިދާޅުވީ، މިހާރު ދަނީ ޓޫރިޒަމް ޕްރޮޑަކްޓްތަކެއް ތައާރަފްކޮށް، ރަނގަޅު އިންޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސްތަކާއި ހޮޓާތައް އެޅުމަށް އެކަށޭނެ އަދަދަކަށް ލޯނުތަކެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހުޅުވާލެވޭނެކަމަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފައިޞަލް އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ތިބި ޒުވާނުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުމެ އިންވެސްޓްކުރަންވީ ވަގުތުކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ޓޫރިޒަމް ނެތް ރަށްރަށަށް ޓޫރިޒަމް ތަރައްޤީކުރުމަށް ކޮންމެ އަތޮޅަކަށް މާސްޓަރ ޕްލޭންއެއް ހެދުމުގެ މަސައްކަތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ލޯނު ސްކީމް ތައާރަފްކުރުމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.