މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަންކަރިންގެ ޚިދުމަތާއި ގުޅުން ހުރި އެތައް ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޖީހު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާއެކު އެމްޕީއެލްއިން ވޯޓަރ ބަންކަރިންގ، ސާފު ފެން ފޯރުކޮށްދިނުން، ކުރޫޒް ޓަރމިނަލް ޕައިލަޓޭޖް، ޓަވާ ޚިދުމަތް އަދި ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެތި، ލުބްރިކަންޓްސް އަދި ސްޕެއަރ ފަދަ ތަކެތިވެސް ހިމެނެއެވެ.
ވަޖީހު ވިދާޅުވީ މި ޚިދުމަތްތައް ފެށުމުން އެމްޕީއެލްއަށް ވަރަށް ބޮޑު މަންފާތަކެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން ކޮންމެ މުއާމަލާތަކީވެސް ޑޮލަރުން ހިންގޭ މުއާމަލާތްތަކެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިއަން ޑޮލަރެއް ވަންނަމުންދާނެއެވެ.
ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މުވައްޒަފުން ތިބޭނެ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް މި މަހުގެ 21 ވަނަ ދުވަހު ނިމޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.