ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު ރާއްޖޭން ފަހުމުނާމާއެއް ޤާއިމްކޮށްފިއެވެ. މި ފަހުމުނާމާ ބަދަލުކޮށްފައިވަނީ މިރޭ ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓަރ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމާއި އީ-ކޮމަރސްގެ ދާއިރާ ތަރައްގީ ކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާ ކުރެވޭނެއެވެ.

މީގެ އިތުރުން، ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޤައުމީ އަދި ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން އިތުރުކުރުމާއި، އަލަށް ތައާރަފުވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ފަހުމުނާމާގެ ބޭނުމެކެވެ.

މި އެއްބަސްވުމުގެ އިތުރުން، ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނެންސްއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާވެސް ވަނީ އައުކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން