ޢިބްރަތްތެރި ވާހަކަ: ހޭލުންތެރި ކުރުވައިގެން ދަރިން ތަރުބިއްޔަތުކުރުމަކީ އެކަމުގެ ފައިދާ ދަރިންގެ އިތުރުން މައިންބަފައިންނަށްވެސް ކުރާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ޢިބްރަތްތެރި ވާހަކަ: ހޭލުންތެރި ކުރުވައިގެން ދަރިން ތަރުބިއްޔަތުކުރުމަކީ އެކަމުގެ ފައިދާ ދަރިންގެ އިތުރުން މައިންބަފައިންނަށްވެސް ކުރާކަމެއް!

ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށް ދޭންޖެހޭ ސަމާލުކަންދީގެން ދަރިން ތަރުބިއްޔަތުކުރާނަމަ އެކަމުގެ ފައިދާ ދަރިންގެ އިތުރުން މައިންބަފައިންނަށްވެސް ވަރަށް ގިނަ ގޮތްގޮތުން ކުރެއެވެ. ތިރީގައިވާ ވާހަކައިން އެކަން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިންޝާ ﷲ 

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ 10 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. އެއީ އަލަތު ފިރިމީހާއަށް ލިބިފައިވާ ދަރިއެކެވެ. ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއައީ ދަރިފުޅަށް 5 އަހަރުގައެވެ. އެހެންކަމުން ގެންގުޅެ ބޮޑުކުރީ އެކަންޏެވެ. 

އެކަނި 5 އަހަރު ހޭދަކުރުމަށްފަހު އޭނާ ލޯބިވެރިއަކު ހޯދިއެވެ. ކައިވެނިކުރަން ނިންމިއެވެ. ގެއަކީ ބޮޑު ތަނަވަސްގެއަކަށްވުމުން ކައިވެނީގެ ޙަފްލާ ބޭއްވީ ގޭގައެވެ. ކައިވެނިކުރުމުގެ ކުޑައިރުކޮޅެއް ކުރިން ވާންއުޅޭ ފިރިމީހާ އޭނާގެ ގައިގައި ދެފަހަރަކަށް ބައްދައިލިއެވެ. 

އެވަގުތު ދަރިފުޅު އެތަނަށްގޮސް ދެމީހުންގެ މެދަށްވަދެ ދުރުކުރިއެވެ. މަންމައަށް ބުންޏެވެ.

"ގިނަ މީހުންގެ ގައިގައި ބައްދައި އޮޅުލައި ހަދާނީ ގޯސްމީހުން ކަމަށް މަންމަ ކޮއްކޮ ގާތުގަ ބުނަމެއްނު؟ އެހެންވީމާ މިއީ ވަރަށް ގޯސް މީހެއް! އޭނަ އާންޓްގައިގައިވެސް ބައްދައި ދޮންދޭ! ބަދިގޭގަ އުޅޭ ސަމީރާގެ ގައިގައިވެސް ބައްދައި ދޮންދޭ! އަޅެ މަންމަ ނިކަން ބަލާބަލަ- މިހިރީނު ފޮޓޯވެސް!" 

އެހެން ބުނެފައި ދަރިފުޅުގެ ފޯނުން އޭނާ ނަގާފައި ހުރި ފޮޓޯތައް ދައްކަން ފެށުމުން މަންމަ ދަރިފުޅުގެ އަތުން ފޯނު އަތުލައިގެން ބެލިއިރު ދަރިފުޅު އެބުނިފަދަ ބައިވަރު ފޮޓޯތައް ދަރިފުޅު ނަގާފައި ހުއްޓެވެ. އޮޅިގެން ނަމަވެސް ކުދިކުދި ވީޑިއޯ ކްލިޕްތައްވެސް ނެގިފައި ހުއްޓެވެ. 

އެހިސާބުން ކަންކަން މުޅިން ބަދަލުވެއްޖެއެވެ. އެންމެންގެ މޫނު ކުނިވެއްޖެއެވެ. ކައިވެނިކުރުން ހުއްޓިއްޖެއެވެ. ޙަފްލާ ރޫޅި ބޮޑު "ކޮޅިގަނޑަކަށް" ބަދަލުވެއްޖެއެވެ. 

މިއީ މީގެ 2 އަހަރުކުރިން މާލޭގައި ހިނގާފައިވާ ކަމެކެވެ. ކުޑަކުއްޖަކު ކުރި މިފަދަ ވީޑިއޯއެއްގެ ވާހަކަ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނެވެ. އެކުއްޖާގެ ވިސްނުން ތޫނުކަމަށް ވަރަށް ގިނަ ބައަކު ތަޢްރީފްވެސް ކޮށްފައި ހުއްޓެވެ. އަޅުގަނޑު ހިތަށް އެރިއެވެ. "އަޅުގަނޑުމެންގެ ދަރިންވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވުނީމާ ހުޝިޔާރުކަން ކުޑައެއް ނޫންތާވެ." 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. 

އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ދަރިންނަށް ގައިގަ ބީހުމުގެ ހުރި ނުރައްކާތެރިކަން ދަސްކޮށްދެވުމުގެ ފައިދާއެވެ. އެކަން އެނގުނީމާ އެކުޑަކުއްޖާގެ ވިސްނުމަށް ކަންކަން ކުރަން އައި ގޮތެވެ. ހަމައެއާއިއެކު މައިންދެކެ ކުދިންވާ ލޯތްބެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވީ އެފަދަ ނުބައި މީހެއްގެ ކިބައިން އަޅުގަނޑުގެ އެންމެ އެކުވެރިޔާ ސަލާމަތްކުރައްވަވަވަން މެދުވެރިވި ގޮތެވެ. އަޅުގަނޑުގެ އެކުވެރިޔާއަކީ އާދައާ ޚިލާފަށް ތަޤްވާވެރިއެކެވެ. ފެނިގެން އެދިއައީ އެކަމުގެ ނަތީޖާއެވެ. މާޝާﷲ 

ދެން ވިސްނާލަންވީ މިއަދުގެ ޙާލަތަށެވެ! ކައިވެނިކުރަން ބޭނުންވެގެންވާ މީހާގެ ޢަމަލުތައް މިފަދަ ގޮތްގޮތަށް ހުންނައިރު އަމިއްލަ ޢާއިލާގެ ތެރޭގައިވެސް ކަންކަން ހިނގާ ގޮތް މިހިރީއެވެ. އެއްވެސް މީހެއްގެ ހިތުގައި ﷲ އަށް ބިރުވެތިކަމެއް ހަމަނެތީއެވެ! ސުބްހާނަﷲ 

- ޤަމަރު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން