ރާއްޖޭގެ ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު ގަހެއް އިންދަވައިދެއްވައިފިއެވެ.
ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި ޑރ. ޖަޔަޝަންކަރާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެ ވަޒީރުން ގުޅިވަޑައިގެން އިންދެވީ ކާމަރަނގަ ގަހެކެވެ.
މި ހަރަކާތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މި ގަސް އިންދުމުގެ ހަރަކާތަކީ ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ އިތުރުން އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ "ޕްލާންޓް ފޮ މަދަރ" ޕްރޮގްރާމުގެ ރަމްޒެއްގެ ގޮތުންވެސް ކުރިއަށް ގެންދެވުނު ކަމެއް ކަމަށެވެ.
މި ހަރަކާތުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ދެ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރެވެއެވެ.