ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޅަކުއްޖަކާ ހިތާވެ ފައުޅުގައި ގުޅުން ހިންގާއިރުވެސް 2 ދަރިންނަށްޓަކާ ކެތްތެރިވެ ދުޢާކުރުންމަތީގަ އިން އަންހެނަކަށް ލިބުނު ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޅަކުއްޖަކާ ހިތާވެ ފައުޅުގައި ގުޅުން ހިންގާއިރުވެސް 2 ދަރިންނަށްޓަކާ ކެތްތެރިވެ ދުޢާކުރުންމަތީގަ އިން އަންހެނަކަށް ލިބުނު ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

ތިމާއަށް ވަފާތެރި ހެޔޮލަފާ އަނބިމީހާ ކުރިމަތީގަ ޒިނޭކުރަމުން ގެންދާއިރު ފަޤީރުވެ ނިކަމެތިވީމާ އަނބިމީހާ ކެތްތެރިވެގެން މަޑުން އިންނަމަވެސް އެކަމުން އޭނާގެ ހިތަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ! އަދި އަނބިމީހާ ވަރިކޮށް 2 ދަރިންނާއިއެކު ގެއިން ބޭރުކޮށްލުމަކީ ދެވޭ ކިހައި ބޮޑު އަނިޔާއެއް ކަމާއިމެދުގައިވެސް ވިސްނައިލާށެވެ. އެފަދަ އަނިޔާވެރި ޢަމަލުތައްކުރަމުން ގެންދާއިރު އެކަންކަން މާތް ﷲ ބައްލަވައިވޮޑިގެންވާކަން ހިތަށްއަރާނަމަވެސް އެފަދަ ނުބައި އަނިޔާވެރި ކަންކަމެއް ނުކުރާނެއެވެ.  

ތިރީގައިވާ ވާހަކައަކީ އެނުބައި ޢަމަލުތައް ކުރި ފިރިއެއްގެ ވާހަކައެވެ. އޭނާ ބަނގުރޫޓޫވެ ގެދޮރު ނީލަންކިޔައި މަގުމަތިވިގޮތާއި އަނބިމީހާއަށް މާތަނަވަސް ފިރިއަކު ލިބި ހަދިޔާއަކަށް ކުރީގެ ފިރިމީހާގެ ގެ ގަނެދިން ގޮތުގެ ވާހަކައެވެ. އަދި އެނުބައި ފިރިމީހާ އާދޭސްކުރަން އޭނާގެ ގާތަށް ދާންޖެހުނު ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.  

އަޅުގަނޑުމެން ދެމަފިރިންނަކީވެސް ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުޅެމުން ދިއަ ދެމީހުންނެވެ. ކައިވެންޏަށް 6 އަހަރުވީއިރު ވަނީ ދެދަރިން ލިބިފައެވެ. ދެވަނަ ދަރިފުޅުގެ އުމުރަކީ އެއިރު އެންމެ 1 އަހަރެވެ.  

ގޭގައި ދެ އަންހެންކުދިން ތިބެއެވެ. އެއްކުއްޖަކީ ރާއްޖެތެރެއިން އައިސްހުރި ކިޔަވާ ކުއްޖެކެވެ. އަނެއްކުއްޖަކީ މުސާރަދީގެން ގޭގެ މަސައްކަތްކުރުވަން ގެންގުޅޭ ކުއްޖެކެވެ. ފިރިމީހާ މަސައްކަތްކުރަމުން ދިއައީ ދެކުދިންނާއިވެސް ގުޅުން ބޭއްވުމަށެވެ. ނަމަވެސް ވަޒީފާގައި ގެންގުޅޭ ކުއްޖާ އެކަމަށް ފައުޅުގައި އިންކާރުކުރިއެވެ. ކިޔަވަންހުރި ކުއްޖާ އޭނާގެ ބަހަށް ހެއްލި ދީލައިލިއެވެ.  

ދެމީހުންގެ ގުޅުން ބަދަހިވަމުން އައިސް ލޯތްބަށް ބަދަލުވެ ދެމަފިރިން އުޅޭގޮތަށް އުޅެން ފަށައިފިއެވެ. ހިނގާ ކަންކަން އެނގެއެވެ. ނަމަވެސް އެނގޭކަމަކަށް ނުހަދަމެވެ. އެއީ އޭނާގެ ކޯހުގެ ފަހު އަހަރުކަމަށްވުމުން ކޯސްނިމިގެން ރަށަށްދާނެތީ ކުއްޖެއްގެ ކިޔެވުމަށް ހުރަސް އަޅަން ބޭނުން ނުވާތީއެވެ. އަދި ފިރިމީހާގެ ކަންކަން ހުންނަ ގޮތުނަ ބަހެއް ބުނެފިނަމަ ވަރިކޮށްފައި ފޮނުވައިލަފާނެކަމުގެ ބިރުވެސް އޮތުމުންނެވެ. ހުރިހާ ކަންކަމަށް ވިސްނާފައި ދެދަރިންނަށްޓަކާ ކެތްތެރިވެލައިގެން އިނީއެވެ. އަޅުގަނޑުގެ މަސައްކަތަކަށް ހެދީ އަޅުކަންކުރުމާއި ދުޢާކުރުމެވެ. އެކަންކަން ކުރުމުން ހިތްހަމަޖެހުން ލިބެއެވެ.  

އެއްދުވަހު ފިރިމީހާ ގެއަށް އައިސްފައި ބުނީ އަޅުގަނޑާއި ކައިވެނިކޮށްގެން އިތުރަށް އުޅެން ބޭނުންނުވާކަމަށާއި ވަރިކުރީ ކަމަށެވެ. ބޭނުންނަމަ ދެކުދިން ގޮވައިގެން، ނޫންނަމަ ބައިތިއްބާފައިވެސް ގެއަށް ދެވިދާނެ ކަމަށެވެ. ކުދިން ދޫކޮށްލައިފިނަމަ ޖެހޭނެ ޙާލު ވިސްނޭތީ އަޅުގަނޑު އިޚްތިޔާރުކުރީ ދެކުދިން ގޮވައިގެން ގެއަށްދާށެވެ.  

ގެއަށް ދިއުމުން މަންމަ ޢާއި ބައްޕަ އަޅުގަނޑަށް މަރުޙަބާ ކިޔެވެ. ފަޤީރުކަމާއިއެކުގައިވެސް އެމީހުންނަށް ވެވުނު ވަރަކުން އެހީތެރިވެދިނެވެ. މަންމަ ކުދިން ބަލައިދޭނެކަމަށްބުނުމުން ވަޒީފާއެއްވެސް ހޯދީމެވެ.  

އަހަރެއްހައި ދުވަސްވީތަނާ އޮފީހުން ބައްދަލުވާ މީހަކު އަޅުގަނޑާއި ގުޅެން ބޭނުންކަމަށް ބުނުމުން އޭނާގެ ކަންކަން އޮޅުންފިލުވުމަށްފަހު ކައިވެނިކުރީމެވެ. އޭނާއަކީ ދެދަރިން ލިބުމުން ދެ ދަރިން ދީފައި އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިވެރިވެފައިހުރި މީހެކެވެ. ކައިވެންޏަށްފަހު އަމިއްލަ ދަރިންފަދައިން އޭނާގެ 2 ދަރިންވެސް ބަލާތީ ނަމަވެސް އަޅުގަނޑު ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ވަރަށް ހެޔޮކޮށް ކަންކަންކުރެއެވެ. 

ކައިވެންޏަށް 2 އަހަރުވެސް ނުވަނީސް ދެމަފިރިންނަށް ދަރިއަކުވެސް ލިބުނެވެ. 5 ދަރިން ހަމަވީއެވެ. އެއިރު އަޅުގަނޑުމެން ދެމަފިރިން ދިރިއުޅުނީ ފިރިމީހާގެ ގެއިން ލިބިފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ.  

އެއްދުވަހަކު މީހަކު އައިސް ބެލްޖެހުމުން ދޮރުހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. ބުނީ 2 ދަރިން ދެކެލާހިތުން އައީ ކަމަށެވެ. އެހެން ބުނުމުން ގެއަށް ވައްދައި ދެކުދިން ދެއްކީމެވެ.  

ކުދިން ދެއްކުމުން ކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ދައްކަންފެށީ ކައިވެނިކުރެވުނު އަނބިމީހާގެ ވިޔާނުދާވާހަކައެވެ. ޚަރަދުތައް ބޮޑުވެ ދެކޮޅު ނުޖެހެމުން އައިސް ވިޔަފާރިއަށްވެސް ހުއްޓުން އަރާފައިވާ ވާހަކައެވެ. އަދި ޚިޔާނާތްތެރިވުމުން މިހާރު ވަރިކޮށްލާފައިވާ ވާހަކައެވެ.  

އަޅުގަނޑު ބުނީމެވެ. "ކަލެއާއި މިހާރުގެ ފިރިމީހާ ނޫން އެއްވެސް މީހަކަށް އަހަރެންގެ އެންމެކުޑަމިނުން އަޢުރަވެސް ފެނިފައި ނުވާނެ ކަމަށް ހުވާކުރަން މިހާރުވެސް މިހުރީ ތައްޔާރަށެވެ. ޒިނޭކުރާ އަންހެނަކު ތެދުވެރިވާނެކަމަށް ކަލޭމެން ކަހަލަ މޮޔައިން ޤަބޫލުކުރި ނަމަވެސް އެކަން އެހެންނަކުން ނުވާނެއެވެ. ކަލެއާއިއެކުވެސް އޭނާކުރީ ހަމަޒިނޭއެވެ. އޭނާއެކަންޏެއް ނޫނެވެ. ދެމީހުންވެސް ކައިވެނީގެ ކުރި ކަންކަން ވާނީ ހަމަ ޒިނޭކުރިކަމަށެވެ. ދެން ކޮންމެހެން ތިއަ ވާހަކަތައް ކިޔައިދޭން މިގެއަށް އަންނާނެ ކަމެއް ނެތެވެ. އަދިވެސް ބޭނުންނަމަ ދަރިން ދެކެން އާދެވިދާނެއެވެ. ނަމަވެސް އަންނަންވާނީ ތިއަގޮތަކަށް ނޫނެވެ. ފިރިމީހާއަށް ގުޅައި ފިރިމީހާ ގޭގައި އުޅޭ ވަގުތުތަކުގައެވެ."  

އެހެން ބުނިތަނާ ފިރިމީހާ އައިސް ގެއަށް ވަދެއްޖެއެވެ. ފިރިމީހާއަށް އޭނާއަކީ އަހަރެންގެ ކުރީގެ ފިރިމީހާ ކަމެއް ނުއެނގެއެވެ. އެހެންވެ އޭނާ ހީކުރީ އޭނާ އާއި ބައްދަލުކުރަން އައިސްއިނީ ކަމަށެވެ. އެހެންވެ ފިރިމީހާ ބުންޏެވެ. "ބަލަ ގެހުސްކުރަންދިން މުއްދަތު 3 ވަނަ ފަހަރަށް ހަމަވީއެވެ. އޮފީހުން ބައްދަލުނުކުރީމާ ތިއައައީ ގެއަށެވެ. އަހަރެންނަކީ ގެއަށް އައުމަށްފަހު މަސައްކަތުގެ ކަންކަމުގައި ވަގުތުހޭދަކުރާ މީހެއް ނޫނެވެ. ގޭގައި ވަގުތު ހޭދަކުރަނީ އަނބިދަރިންނާއިއެކުގައެވެ. ވީމާ ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. އަވަހަށް ގޮސް ގެ ހުސްކުރާށެވެ! ހުސްނުކުރިނަމަވެސް އަންނަ ބުރާސްފަތި ދުވަހު ފުލުހުން ގޮވައިގެންގޮސްވެސް ގެއަށް ވަންނާނަމެވެ." އެހެން ބުނާއިރަށް ތެދުވެގެން ހިނގައްޖެއެވެ.  

އޭނާ ދިއުމުން ފިރިމީހާ ބުންޏެވެ. "އޭނާ ބަނގުރޫޓުވެގެން ބޭންކުން އޭނާގެ ގެ ނީލަންކިޔުމުން ގަނެގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ގެހުސްކޮށް ޙަވާލުކުރަން ކޯޓުން ދިން މުއްދަތުވެސް ހަމަވެއްޖެއެވެ. އިތުރަށް 3 ފަހަރު މުއްދަތުދީފީމެވެ."  

އަޅުގަނޑު ބުނީމެވެ. "އޭނާ އައިސް ދެއްކީ ގޭގެ ވާހަކައެއް ނޫނެވެ. ބުނީ ދެދަރިން ދެކެލަން އައީ ކަމަށެވެ. ފިރިމީހާއަކަށް ނުއެނގޭ ހެއްޔެވެ؟ އެއީ އަހަރެންގެ ދެދަރިންގެ ބައްޕައެވެ." އެހެން ބުނެފައި ދެމީހުން ދެއްކި ވާހަކަތައް ފިރިމީހާއަށް ކިޔައިދިނީމެވެ.  

ފިރިމީހާ ބުނީ ކުރީގެ ފިރިމީހާ ގާތުގައި ތިއަ ދެއްކުނީ ސަތޭކައިގެ ވާހަކައެއް ކަމަށެވެ. ޒިނޭއިން ފެށޭ ދިރިއުޅުމެއް ކާމިޔާބުކުރެވޭނީ ވަރަށް މަދުފަހަރަކުއެވެ. ތައުބާވެ އުޅުން އިޞްލާޙްކުރުމުން ނޫނީ ދިރިއުޅުމުގައި ބަރަކާތް ނުލައްވަވާނެ ކަމަށެވެ. އެހެން ބުނެފައި "ދެވެން މިއުޅެނީ ހަމަ ދެދަރިންގެ ގެއަށްތާއެވެ." ބުނެލިއެވެ. އަދި ފަހުން ބޮޑު ސަރޕްރައިޒެއް ދޭނެ ކަމަށްވެސް ބުންޏެވެ.  

އެގެއަށް ބަދަލުވެފައި ސިޓީއުރަކަށްލާފައި އެއްޗެއް އަޅުގަނޑު އަތަށްދީފައި ނަގައި ބަލާލަން ބުންނުމުން ނަގައި ބަލައިލިއިރު ގޭގެ ރަޖިސްޓްރީއެވެ. ރަޖިސްޓްރީކޮށްފައިވަނީ އަޅުގަނޑުގެ ނަމުގައެވެ. "އެއިރުން އޭނާގެ އެކަނި 2 ދަރިންގެ ޙައްޤު ގެއްލޭނެ ނޫންތޯ؟" ސުވާލުކުރީމާ ބުނީ އެ ދެކުދިންނަށް އިތުރު ބިމެއް މިހާރު ގަނެފައިވާ ކަމަށެވެ.  

އަޅުގަނޑުގެ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުވެއްޖެނަމަ އަޅުގަނޑަށް ފުދުނީއެވެ. އިތުރުވާހަކަތަކެއް ދައްކާކަށް ނެތީމެވެ.

 

--ޝެހްނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން