މުސްކުޅި އަންހެނަކަށް ރަޙުމް ނުކުރުމުގެ ސަބަބުން ތަނަވަސް ޒުވާނަކާ ކައިވެނި ނުކުރެވިގެން ކަރުނައަޅަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
މުސްކުޅި އަންހެނަކަށް ރަޙުމް ނުކުރުމުގެ ސަބަބުން ތަނަވަސް ޒުވާނަކާ ކައިވެނި ނުކުރެވިގެން ކަރުނައަޅަންޖެހުނު އަންހެނެއްގެ ވާހަކަ-

މިވާހަކައިގައި ތަނަވަސް މަންމަ އެބުނަނީ ހަމަތެދަށެވެ. މުސްކުޅިންނަށް ރަޙުމް ނުކުރާ މީހަކު އޭނާގެ ފިރިމީހާޢަކަށް ރަޙުމެއް ނުކުރާނެއެވެ. އަދި އެއްވެސް މީހަކަށް ރަޙުމެއް ނުކުރާނެއެވެ. އެފަދަ މީހެއްގެ ކިބައި ރިވެތި އަޚްލާޤްގެ އެއްވެސް ސިފައެއް ނުހުންނާނެއެވެ.  

އިންސާނުންނަށް ރަޙުމްކޮށް ހެޔޮކޮށް ހިތަންވީ މީހާ ލައިގެން ހުންނަ ފޭރާމުގެ ފެންވަރަށް ބަލައިގެނެއް ނޫނެވެ. އިންސާނަކަށްވީތީއެވެ. ޚާއްޞަކޮށް މުސްކުޅިންނަށް ހެޔޮކޮށް ހިތައި ރަޙުމްކުރަންޖެހޭނެއެވެ.  

މިވާހަކައަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައި ޢިބްރަތް ޙާޞިލުކުރަން ވަރަށް ރަނގަޅު ފިލާވަޅެކެވެ.  

އެއީ ހަފްތާ ބަންދެކެވެ. ބައުހެދުމެއް ލައިގެންހުރި މުސްކުޅި އަންހެނަކު ދަނޑިގަނޑު ވިއްދަމުން އޭޓީއެމުން ފައިސާނަގަން ދިއައިރު ކިޔޫގައި ގިނަ ބައަކު ތިއްބެވެ. އޭނާ ބުންޏެވެ. "ދައްތަ މިއަދު މިއުޅެނީ ވަރަށް ބަލިވެއެވެ. ކިޔޫގައި މަޑުނުކޮށް ފައިސާކުޅު ނަގަން ދައްތައަށް ފުރުޞަތު ދީބަލާށެވެ!" 

އެދައްތަގެ އެދުމަށް ކިޔޫގެ އެންމެ ކުރިއަށްހުރި އަންހެން މީހާ ނޫން އެންމެން އިޖާބަދިނެވެ. އޭނާ ބުނީ ކިޔޫގައި ހުންނަތާ ވަރަށް ގިނައިއރުވެއްޖެ ކަމަށާއި ފައިސާނަގަން ބޭނުންވާނަމަ ކިޔޫގައި ޖެހުމަށެވެ. 

އެއަޑު އިވުމުން ޖެހިގެންހުރި އަންހެންމީހާ ސުވާލުކުރިއެވެ. "އެއީ ކަލޭގެ މަންމަ ކަމަށްވީނަމަވެސް ކަލޭ ބުނާނީ ހަމަ ތިއަހެން ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "ޒުވާބު ނުކުރާށެވެ! މިމުސްކުޅި އަންހެން މީހާ ދުވަހަކުވެސް އަހަރެންގެ މަންމައަކަށްނުވާނެއެވެ."  

މުސްކުޅި އަނހެންމީހާއަށް ފުރުޞަތުނުދީ އޭނާ ގޮސްފައިސާ ނެގީއެވެ. ނަމަވެސް ދެންތިބި އެންމެން އެއްބަސްވެގެން އެއަންހެންމީހާއަށް ފުރުޞަތުދިނުމުން ފައިސާ ނަގައި ހުރިހާ އެންމެންނަށް ހެޔޮދުޢާކޮށްފައި އޭނާ ދިއައީއެވެ.  

އެއިގެ 2،3 މަސް ފަހެވެ. މުސްކުޅި އަންހެން މީހާއަށް ފުރުޞަތު ނުދިން އަންހެން މީހާ ގޮވައިގެން އޭނާގެ ލޯބިވެރިޔާ އޭނާގެ ގެއަށް ދިއައެވެ. އެއީ ކައިވެނިކުރުމުގެ ކުރިން މަންމައަށް ދައްކައި މަންމަގެ ހެޔޮދުޢާހޯދަންވެގެންނެވެ.  

ސިޓިންގރޫމްގައި ބެއިންދުމުން އޭނާ އިނީ ވާންއުޅޭ ފިރިމީހާގެ ތަނަވަސްކަން ފެނި އުފަލުން ހެވިފައެވެ. ތަންތަނަށް ބަލަން އިންދައި އޭނާ ގޮސް މަންމަގޮވައިގެން އައެވެ. އަދި މިއީ އޭނާ ކައިވެނިކުރަން އުޅޭ އަންހެންކުއްޖާކަމަށްބުނެ ދެމީހުންނަށް ހެޔޮދުޢާކޮށްދޭން މަންމަގެ ކިބައިން އެދުނެވެ.  

އަންހެންކުއްޖާއަށް މަންމަ ފެނުމުން ޖެހީ އިސްދަށަށެވެ. މޫނުދައްކަން ލަދުންނެވެ. ނަމަވެސް މަންމައަށް އެއީ ކާކުކަން އެނގުމުން ކުރީ ދުވަހު ހިނގައިދިއަ ކަންކަން ދަރިފުޅަށް ކިޔައިދިނެވެ. ބުންޏެވެ. "ދަރިފުޅާއެވެ. މަންމަމެން އުމުރުގެ މުސްކުޅި އަންހެނުންނަށް ރަޙުމްނުކުރާ އަންހެނަކު އޭނާގެ ފިރިމީހާއަށް ރަޙުމްކުރާނެ ހެއްޔެވެ؟ ނުކުރާނެކަން ޔަޤީނެވެ. ފައިސާގެ ދަހިވެތިކަމުގައި ކައިވެނިކޮށްފާނެއެވެ. ނަމަވެސް ލޯތްބެއް ކުލުނެއް ނުލިބޭނެއެވެ. އޯގާތެރިއެއްވެސް ނުވާނެއެވެ. އަދި އެދުވަހު މީނާ ބުންޏެވެ. ދުވަހަކުވެސް މިމުސްކުޅި އަންހެންމީހާއަކީ އޭނާގެ މަންމަ ކަމަކަށް ނުވާނެއެވެ. މިއަދު މަންމަ ބުނަންއޮތީ މިއަންހެންކުއްޖާއަކަށް ދުވަހަކުވެސް މިމަންމަގެ ދަރިއަކަށް ނުވެވޭނެއެވެ. އަވަހަށް އޭނާ މިގެއިން ނެރޭށެވެ."  

އަންހެންކުއްޖާ ރޮއި އާދޭސްކުރުމުންވެސް މަންމަ އޭނާގެ ބަސް ބަދަލެއް ނުކުރިއެވެ. ބުނީ އޭނާފަދަ އަންހެނެއްގެ ފިރިއަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. މަންމަގެ ނިންމުން ބަދަލުކުރަން ދަރިފުޅުވެސް ބޭނުމެއް ނުވިއެވެ. ރޮއި އާދޭސްކުރަމުން ދަނިކޮށް ގެއިން ނެރެލީއެވެ.  

މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެއް ކަމަށް ޤަބޫލުކުރެވިގެން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.  

އެއަންހެންކުއްޖާއަށް އޭނާގެ ކިބައިގައި ހުރި މުސްކުޅިންނަށް ރަޙުމްނުކުރުމުގެ ސިފައިގެ ސަބަބުން، ނުވަތަ އޭނާގެ ޚުލްޤް ނުބައިވުމުން ގެއްލިގެން އެދިއައީ ލިބެން އޮތް ކޮންފަދަ އުފާވެރި ދިރިއުޅުމެއްތޯއެވެ؟ ގެއްލިގެން އެދިއައީ ލިބެން އޮތް ކިހައި ބޮޑު ނަޞީބެއް ހެއްޔެވެ؟  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ކޮނަމެ ކަމެއްގައިނަމަވެސް މުސްކުޅިއަކަށް ޚިދުމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން ހިފާށެވެ! އެކަމުގެ ސަބަބުން ލައްވަވާނީ ކޮންފަދަ ބޮޑު ރަޙްމަތެއްކަމެއް ނުއެނގޭނެއެވެ. ނޫންނަމަ ގެއްލިގެންދާނީ ލިބެން އޮތް ކޮންފަދަ ބޮޑު ނަޞީބެއްކަމެއް ކަމެއްވެސް ނުއެނގޭނެއެވެ.  

- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން