އަހުރެމެން މިވަނީ ލޯބިތަ؟ އުންމީދެއްނެތި ކޯމާގަ އޮތް ލޯބިވެރިޔާ ބަލަން ލޯބިވެރިޔާ އަމިއްލައަށް ޙަވާލުވުމުން ހުވަފެނީ ދުނިޔެއަކުން ޙަޤީޤީ ދުނިޔެއަށް އެނބުރި އައުދެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އަހުރެމެން މިވަނީ ލޯބިތަ؟ އުންމީދެއްނެތި ކޯމާގަ އޮތް ލޯބިވެރިޔާ ބަލަން ލޯބިވެރިޔާ އަމިއްލައަށް ޙަވާލުވުމުން ހުވަފެނީ ދުނިޔެއަކުން ޙަޤީޤީ ދުނިޔެއަށް އެނބުރި އައުދެވުނު އަންހެނެއްގެ ވާހަކަ-

އެދެމަފިރިންނަކީ ވަރަށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 27 އަހަރު ފުރުނުއިރު 23 އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. ކުއްލި ގޮތަކަށް ފިރިމީހާ ނިޔާވީއެވެ. ލިބުނު ހިތާމައިން އަރައި ނުގަނެވިގެން އުޅެނިކޮށް ކާރު އެކްސިޑެންޓެއްގައި ދަރިފުޅު ކޯމާއަކަށް ދިއައެވެ. ޑޮކްޓަރުން ބުނަނީ އަލުން ހޭއަރާނެ ކަމުގެ އެއްވެސް އުންމީދެއްވެސް ނެތް ކަމަށެވެ. 

މަންމަ ބޭނުންވީ ދަރިފުޅު ހޭނޭރިނަމަވެސް އެންމެ ފަހު ނޭވާ ދޫކުރަންދެންވެސް ދަރިފުޅަށް ޚިދުމަތްކުރާށެވެ. އެހެންވެ ދަރިފުޅު ގެއަށް ގެނެސް ދަރިފުޅުގެ އެނދުގައި ބާއްވައިގެން ބަލަން ފެށިއެވެ. 

ދަރިފުޅު ބަލަމުން ގެންދާތާ 3 މަސްފުރެން ކައިރިވެފައި ވަނިކޮށް އެއް ދުވަހަކު ޒުވާން ފިރިހެނަކު އައިސް އަމިއްލައަށް ތަޢާރަފްވެފައި ބުނީ އޭނާއަކީ ދަރިފުޅުގެ ލޯބިވެރިޔާ ކަމަށެވެ. އަދި މިއައީ އެކަނި އުޅެން ކެތް ނުކުރެވިގެން އޭނާގެ ލޯބިވެރިޔާ އެޙާލުގައި އޮތް ނަމަވެސް އޭނާއާއިއެކު ދިރިއުޅެން ކަމަށެވެ. މަންމަ އެ ފުރުޞަތު ޒުވާނާއަށް ދިނެވެ. 

ޒުވާނާ ގާތު މަންމަ ބުނީ ވަޒީފާއިން ވަކިވުމަށާއި މުސާރައިގެ ގޮތުގައި ލިބެން އައިވަރަށް މަންމަ ކޮންމެ މަހަކުވެސް ފައިސާދޭނެ ކަމަށެވެ. ޒުވާނާ އެކަންވެސް ޤަބޫލުކޮށް އަބަދު ލޯބިވެރިޔާގެ ޚިދުމަތުގައި ހުންނަން ފެށިއެވެ. 

ޒުވާނާ އޭނާގެ ލޯބިވެރިޔާއަށް ތަފާތު ވާހަކަތައް ކިޔައިދެއެވެ. ދެމީހުން އެކުގައި ހޭދަކުރި ވަޤުތުތައް ހަނދާންކޮށްދެއެވެ. ކުރެވުނު ކަންކަން ހަނދާންކޮށްދެއެވެ. އެކަކު އަނެކަކަށް ވެފައިވާ ވަޢުދުތައްވެސް ހަނދާންކޮށްދެއެވެ. އެއިގެ އިތުރުންވެސް ފޮތް ބަލައިގެންވެސް ލޯބީގެ ޥާހަކަތައް ކިޔައިދެއެވެ. 

ޒުވާނާ އެގޭގައި ލޯބިވެރިޔާގެ ޚިދުމަތުގައި ހުންނަތާ 7 ވަނަ މަހު ފުރުތަމަ ފަހަރަށް ލޯބިވެރިޔާގެ އިނގިލިތައް ތަޅުވައިލިއެވެ. އެތަންފެނުމާއިއެކު އަވަސް އަވަހަށް ހޮސްޕިޓަލަށް ގެންދިއައެވެ. ހޮސްޕިޓަލަށް ގެންދިއަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހޭއަރައިފިއެވެ. އެކަން ވެގެންދިއައީ ޑޮކްޓަރުންނަށްވެސް ޙައިރާންކަން ލިބުނު ކަމަކަށެވެ. 

ކޮންމެއަކަސް 3 ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލުމުން 3 މައިން އެކުގައި ގެއަށް ދިއައީއެވެ. ގެއަށް ދިއުމަށްފަހު އަންހެންކުއްޖާ ބުނީ އޭނާއަށް ފުރަތަމަ އިވެންފެށީ އޭނާގެ ލޯބިވެރިޔާގެ އަޑު ކަމަށެވެ. ދެން ލޯބިވެރިޔާގެ ބީހުންތައް އިޙްޞާޞްކުރެވެން ފެށިކަމަށެވެ. އެހިށާބުން އަބަދުހެން އޮވެވުނީ ހުވަފެނީ ދުނިޔެއެއްގައި ކަމަށެވެ! 

ދެވަނަ ދުވަހު ދެދަރިންނާއިއެކު އިނދެގެން މަންމަ ބުންޏެވެ. "ދަރިންނޭވެ! ފެނިގެން މިދިއައީ ތެދުވެރި ލޯބީގައި ހުންނަ ބާރު ގަދަކަމެވެ. މަންމައަކީވެސް ކޮންމެ ވަޤުތަކުވެސް ދުނިޔެ ދޫކޮށް ތިއަކުދިންނާއި ވަކިވެގެން ދާންޖެހިދާނެ މީހެކެވެ. ނަމަނަމަ ދެކުދިން ވަކިނުވާށެވެ! ދިރި ދުނިޔޭގައި އުޅެވިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް، ކޯމާގައި އޮތް އަންހެނަކަށް ޚިދުމަތްކުރަން ކުރިމަތިލާނީ ފިށާރިވަރަކަށް އޭނާދެކެ ލޯބިވާތީއެވެ. ދަރިފުޅުގެ ލޯބިވެރިޔާފަދަ ލޯބިވެރިއަކު މިއަދު ހާހަކުން ކީއްކުރަން ހެއްޔެވެ؟ ލައްކައަކުންވެސް ނުފެންނާނެއެވެ. ވީމާ ދަރިފުޅުގެ އެންމެ ފަހުނޭވާއާއި ހަމައަށްވެސް އެކަން ދަރިފުޅުގެ ޢަމަލުތަކުން ދައްކަންވާނެއެވެ. އަދި މަންމަގެ ތަނަވަސްކަމުން އެއްބައި މިހާރުވެސް ވާނީ ވަކީލް މެދުވެރިކޮށް ދަރިފުޅުގެ ލޯބިވެރިޔާއަށް ހަދިޔާކޮށްފައެވެ. އެއީ އޭނާ މަންމައަށް ހޯދައިދިން ބޮޑު އުފާވެރިކަމަށް ދިން ހަދިޔާއެކެވެ.   

މިއީ އަޅުގަނޑު ބެލި ފިލަމެއްގެ ކުރު ޚުލާޞާއެއް ނަމަވެސް ވިސްނަންވީ މަންމަ އެބުނި ބަސްތަކަށެވެ. ތެދުވެރި ލޯބިން ލޯބިވާނަމަ ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އާދަ ފޫވައްޓާލަނިވި ކަންކަންވެސް ޙާޞިލުކުރެވޭނެ ކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން