ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްދާ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ބެއްލެވުމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވަނީ ފ. އަތޮޅުގެ ރަށްރަށަށް ދަތުރެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދާ މި ބޯހިމެނުމުގެ މަސައްކަތް ބެއްލެވުމަށް މިނިސްޓަރ ރަމީލާ ވަނީ ފ. އަތޮޅުގެ ދަނޑުވެރިކަން ކުރާ ރަށްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.
އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ފ. މަގޫދޫއަށް ވަޑައިގެން، މިނިސްޓަރ ރަމީލާ ވަނީ ރަށު ކައުންސިލާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ޙާލަތު ބެއްލެވުމަށް ދަނޑުތަކަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ. ހަމަ އެ ދުވަހު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި ރަށުގެ ދަނޑުވެރިންނާވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއާއި ދަރަނބޫދޫ ކައުންސިލް ގުޅިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، އޮގަސްޓް 11 ވަނަ ދުވަހު ފ. ނިލަންދޫ ކައުންސިލްގެ ބޭފުޅުންނާއި، ފ. އަތޮޅު ކައުންސިލާވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ރަމީލާ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި މާލެ ވަޑައިގެންފައިވަނީ އިއްޔެއެވެ.