ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މޮރޮކޯގެ ޔުނިވާސިޓީ އިން ކަސަބްލާންކާގެ ދަޢުވަތަކަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކޮށްފިއެވެ. މި ޒިޔާރަތުގައި އައިޔޫއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރެވެ.
ޔުނިވާސިޓީ އިން ކަސަބްލާންކާގައި ބޭއްވުނު ބައްދަލުވުމުގައި، އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ހިއުމަނިޓީސްގެ ޑީން، ޕްރޮފެސަރ. ޑރ. އަބްދުލް އިލާހް ބްރިސްކީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދެ ޔުނިވާސިޓީގެ މަތީ ތަޢުލީމު ކުރިއެރުވުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
އެކި ދާއިރާތަކާ ގުޅުން ހުރި ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ އިތުރުން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެހެނިހެން މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ އައިޔޫއެމް އިން އަންނަނީ ބައިނަލްއަޤްވާމީ އެތައް ޔުނިވާސިޓީތަކަކާ ގުޅިގެން ދަރިވަރުންނަށް ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޒިޔާރަތަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ބެލެވެއެވެ.