ހުވަދޫ، އައްޑޫ އަދި ފުވައްމުލަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް "ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024" ނަމުގައި މަހާސިންތާއެއް ބޭއްވުމަށް ތައްޔާރުވަމުްންދާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
މެންހެއްޓަން ބިޒްނަސް ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ދެކުނުގެ އަތޮޅުތަކުގައި ހިންގަމުންދާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ތަރައްޤީކުރަމުންދާ ތަންތަނާއި، އިންޓަރނޭޝަނަލް އެއަރލައިން އޮޕަރޭޓަރުންނާއި، ޓްރެވެލް އޭޖެންސީތަކާއި، އެސޯސިއޭޝަންތަކާއި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުންނާއި، އަދި ސަރުކާރުގެ އެކި ވުޒާރާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
މި މަހާސިންތާގެ މަޤްޞަދަކީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅަށް ބައިނަލްއަޤުވާމީ ކަނެކްޓިވިޓީއަށް އަހައްމިއްޔަތުކަން ދީގެން އެ ސަރަޙައްދަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި އަދި މި މަސައްކަތުގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ މަޝްވަރާކުރުންކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަން ދެކުނުގައި ތަރައްޤީކޮށް ފުޅާކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރު އަދި މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިންތިޒާމްކުރާ މި މަހާސިންތާގައި އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުންކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ބައިވެރިވާގޮތަށް މަޝްވަރާތައް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.