ނ. މާފަރު އެއަރޕޯޓުގެ އެޕްރަން ފުޅާކުރުމުގެ މަޝްރޫޢު ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޢަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިލްޔާސް އެވެ.
މި މަޝްރޫޢުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މިހާރު ހުރި ފަޔަރ ރޯޑުގެ 453 އަކަމީޓަރު ތަޅާލުމާއި، 18,660 އަކަމީޓަރުގެ މަތީ ފަސްގަނޑު ނެގުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ވެއަރިންގ ކޯސް އެޅުމާއި، 4047 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، ފަސްއަޅައި، ލެވެލްކޮށް އަދި ބިންހަރުކުރުމާއި، އެއަރފީލްޑް އިންސްޓަލޭޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކުރުމެވެ.
29.85 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ސަބަބުން ނ. މާފަރު އެއަރޕޯޓުގެ އެޕްރަން ފުޅާވެ، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވެސް ފާހަގަކުރެވެއެވެ.