ތަނަވަސް އަންހެނަކު ކާރުޕާކުކޮށްފައި އެނބުރިލިތަނުން އޭނާގެ ފިރިމީހާ ލޯބިވެން އުޅޭ އަންހެން މީހާ އެކުވެރިއަކާއެކު ހުއްޓާ ފެނުނެވެ. 10 އަހަރުވަންދެން ކައިވެނިކޮށްގެން އުޅެފައިވާ ފިރިމީހާ ލޯބިވެގެން އުޅޭ ޒުވާން އަންހެންކުއްޖާ ފެނުމުން ލޭކެކޭގޮތްވިއެވެ.
އޭނާގެ ކައިރިއަށް ޖެހިލާފައި އެއްޗެތިގޮވަމުންގޮސް ތަޅައިގަތެވެ. ބޭނުންވަރަކަށް ތެޅުމަށްފަހު ހިތްހަމަޖެހިލައިގެން ކާރަށް އަރައި ދުއްވައިލިއެވެ.
އެވަގުތު އަނިޔާ ލިބުނު އަންހެންމީހާ އެކުވެރިޔާއަށް ބުންޏެވެ. "އަހަރެން ކަލެއާއިއެކު އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެވަރަށް އަހަރެންނަށް އަނިޔާކުރިއިރުވެސް ކަލޭ އަޅައެއްވެސް ނުލިއެވެ. އަހަރެންނަށް ރައްދުގައި ކަމެއް ނުކުރެވުނީ އޭނާއަށްވުރެ ބަލިކަށިވީމައެވެ. ކަލޭ ބައިވެރިވިނަމަ ދެމީހުންވެގެން އޭނާއަށް ރައްދުދެވުނީހެވެ. ވީމާ މިހިސާބުން ކަލެއަށް ފައިސާގެ އެހީީދިނުން ނިމުނީއެވެ."
ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. "އަހަރެން ކުރި މަސައްކަތުގެ ފައިދާ މާބޮޑުވާނެއެވެ. އެމަސައްކަތުން ވަރަށް ގިނަ ފައިސާ ހޯދިދާނެއެވެ. ލިބުނީމާ މަށަށްވެސް ބައެއް ދޭށެވެ. ނުދިނަސް އެންމެ ރަނގަޅެވެ. އަވަހަށް ޕޮލިސް ސްޓޭޝަނަކަށް ހިނގާށެވެ."
އެކުވެރިޔާ ބުނިބުނުމަށް ފުލުސް ސްޓޭޝަނަށްގޮސް މައްސަލަ ހުށަހެޅުމުން ހެކިދައްކަން ބުނުމުން އެކުވެރިޔާ ހެކިކަމުގައި ދެއްކީ އޭނާގެ ފޯނަށް ރެކޯޑްކޮށްފައިވާ ވީޑިއޯއެވެ.
ފުލުހުން މައްސަލަ ބަލައި ކޯޓަށް ފޮނުވުމުން ބޮޑު ޢަދަދަކުން ތަނަވަސް އަންހެން މީހާ ޖުރުމަނާކޮށް ބަދަލުހޯދައިދިނެވެ. ފައިސާ ލިބުމުން ދެ އެކުވެރިންނަށް ހަމަހަމަކޮށް ބަހައިލީއެވެ.
މިއީ އަޅުގަނޑަށް ވިސްނޭ ގޮތުގައި ވަރަށް ޢިބްަރތްތެރި ވާހަކަކޮޅެކެވެ. އަތްއިސްކުރާ މީހުންނަށް ފިލާވަޅެކެވެ. އަދި ބުއްދީގެ ބޭނުންކުރުމުން ކުރާނެ ފައިދާއެވެ. ހަމައެއާއިއެކު ފިރިމީހާ ނުވަތަ އަނބިމީހާ މީހަކާ ހިތާވުމަކީ އެމީހެއްގެ ގައަށް ބޮލަށް އަރައި އަނިޔާކުރަންޖެހޭ ކަމެއް ނޫނެވެ. ޙައްލު ހޯދަންޖެހޭނީ ކަންކަން ކުރަން އޮންނަ ގޮތަށް ކޮށްގެންނެވެ.
- ޢާއިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް