ޢިބްރަތްތެރި ވާހަކަ: ވަޒީފާދޭން އިން މީހާގެ ޢަމަލުތަކަށް ބިރުން ﷲ އަށް ބިރުވެތިވާކަމަށް ބުނި އަންހެންކުއްޖަކަށް އޭނާ ވަޒީފާ ނުދިނުމުން އެހެން ވަޒިފާއެއް ވަޤުތުން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޢިބްރަތްތެރި ވާހަކަ: ވަޒީފާދޭން އިން މީހާގެ ޢަމަލުތަކަށް ބިރުން ﷲ އަށް ބިރުވެތިވާކަމަށް ބުނި އަންހެންކުއްޖަކަށް އޭނާ ވަޒީފާ ނުދިނުމުން އެހެން ވަޒިފާއެއް ވަޤުތުން ލިބުނު ގޮތުގެ ވާހަކަ-

ﷲ ތަޢާލާ އަންގަވާފައިވަނީ ރިޒުޤް ހޯދަން މަސައްކަތްކުރުމަށެވެ! ވީމާ އޮތީ ވަޒީފާ ހޯދަން މަސައްކަތްކުރުމެވެ. އެކަމަށްވެސް މަސައްކަތްކުރަންވާނީ ﷲ ތަޢާލާއަށް ބިރުވެތިވެ ހުރެގެންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުރިނަމަ، ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ހުރިނަމަ އެމީހަކު ނިކަމެތި ނުކުރައްވަވާނެއެވެ. އެމީހަކަށް މަގެއް ދައްކަވާނެއެވެ. އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. 

ތިރީގައިވާ ވާހަކައަކީ މިޙަޤީޤަތް ޤަބޫލުނުކުރެވި ﷲ ތަޢާލާގެ މަގުން އެއްފަރާތަށް ޖެހިގެން ވަޒީފާ ހޯދަން އުޅެވޭ ކުދިންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. 

އެއިރު އަޅުގަނޑުގެ އުމުރަކީ އެންމެ 20 އަހަރެވެ. އެކަނިމާއެކަނި އަޅުގަނޑުމެން ގެންގުޅެބޮޑުކުރި މަންމަ ވަރަށް ބޮޑަށް ބަލިވުމުން ވަޒީފާއަކަށް ވަރަށް ބޮޑަށް ބޭނުންވިއެވެ. އެހެންވެ ތަންތަނަށް ސިޓީލަމުން ގެންދިއައިމެވެ. 

އެގޮތުން ސިޓީލެވުނު ތަނަކުން އިންޓަރވިޔުއަށް ގެންގޮސްފައި ގޮނޑިއެއްގައި ބައިންދާފައި ޖެހިގެންހުރި ގޮނޑީގައި ވެރިމީހާ އިށީނެވެ. އިށީނދެފައި ސުވާލުކުރަން ފެށުމުން ތައުލީމީ ސެޓްފިކެޓްތައް ދައްކާފައި ވަޒީއެއް އެހައިބޮޑަށް ބޭނުންވާ ސަބަބު ކިޔައިދިނުމުން ބުނީ ވަޒީފާއަށް އަޅުގަނޑު ހަމަޖައްސައިދީފާނެ ކަމަށެވެ. އެހެން ބުނުމުން ވަރަށް އުފާވިއެވެ. 

އަޅުގަނޑަށް ހިނިތުންވެވުމާއިއެކު އަޅުގަނޑުގައި ފިރުމާލައިފިއެވެ. އަޅުގަނޑު ހީކުރީ އުމުރުން ތަފާތުވީމާ ދަރިއެއްގެ ގޮތުން ހިތްވަރުދޭން ކަމަށެވެ. ނަމަވެސް އެއަތް ނުނަގައި އުނގުޅަން ފެށީމާ އެކަން ކަމުނުދާކަމަށްބުނެ އަތްނަގަން ބުނީމާ އައީ އިންތިހާއަށް ރުޅިއެވެ. ބުނީ ކަލޭގެ ގައިގައި ކިތައް މީހުން އަތްލާފައިވާކަން ކަލެއަށްވެސް ނުއެނގޭނެ ކަމަށާއި އޭނާ އަތްޖައްސާލުމުން ރުޅި އަންނަން ނުޖެހޭނެ ކަމަށެވެ. 

ޖަވާބުގައި ބުނީމެވެ. "އަޅުގަނޑު ﷲ އަށް ބިރުވެތިވަމެވެ. އަޅުގަނޑަކީ ފަޤީރެއްނަމަވެސް މަންމަ ބޮޑުކޮށްފައިވަނީ އިސްލާމްދީނުގައިވާ ގޮތަށެވެ. މިހާތަނަށް އަޅުގަނޑުގެ ގައިގައި އަތްލެވުނު މީހަކު ނުހުންނާނެއެވެ. ގައިގައި އަތލައިގެން ދޭ ވަޒީފާއެއް ބޭނުމެއް ނޫނެވެ. ވަޒީފާ ބޭނުމީ މަސައްކަތްކުރާށެވެ. ބޭނުމީ ކުރާ މަސައްކަތަށް ދޭ އުޖޫރައެކެވެ."   

އޭނާ ބުނީ ވަޒީފާ ނުދޭނެ ކަމަށާއި އަވަހަށް ނުކުމެގެން ދިއުމަށެވެ. އެހެން ބުނުމުން އަޅުގަނޑު ނުކުމެގެން އައީއެވެ. އެއީ އެހެން އޮފީސްތަކެއްވެސް ހުންނަ ތަނެކެވެ. އެހެންކަމުން ނުކުމެގެން އައި މަގުމަތީގައި ވަރަށް ގިނަ މީހުންނާއި ބައްދަލުވިއެވެ. މަގުމައްޗަށް ނުކުންނަން ތައްޔާރުވިތަނާ އަންހެނަކު އަޅުގަނޑަށް ގޮވާލިއެވެ. އަދި އަޅުގަނޑު އެހާބޮޑަށް ދެރަވެފައިހުރީ ކީއްވެގެންތޯ ސުވާލުކުރުމުން އެއްވެސް ކަމެއް ނުފޮރުވައި ކިޔައިދިނުމުން ބުނީ އޭނާ އާއިއެކު އޭނާގެ އޮފީހަށް ދިއުމަށެވެ.   

ދިއުމުން އަޅުގަނޑުގެ ލިޔުންތައް ބަލާފައި ބުނީ މަސައްކަތުގެ ތަޖުރިބާ ނެތްނަމަވެސް ރަނގަޅަށް ފާސްވެފައި ހުރުމުން ވަޒީފާއެއް ދީފާނެ ކަމަށެވެ. އަދި ޓްރޭނީއެއްގެ ވަޒީފާ ދިނެވެ. މަސްދުވަސްވީތަނާ ދާއިމީ ވަޒީފާ ހަމަޖައްސައިދިނެވެ. ރަނގަޅު މުސާރައެއް ލިބެން ފެށިއެވެ. އެވަޒީފާގައި މިވީ 7 އަހަރުތެރޭގައި ވަނީ 2 ޕްރަމޯޝަން ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަންހެންކުދިންނަށް ބުނެލަން ބޭނުންވަނީ ގައިގައި އަތްލަންދީގެން ލިބޭ ވަޒީފާ ނުހޯދާށެވެ. ފުރަތަމަ ފިރުމައިލާނީއެވެ. އެފުރުޞަތުދީފިނަމަ އެކަން ދާނީ އިތުރުވަމުންނެވެ. އެންމެފަހުން ނިމޭނީ ޢިއްފަތްތެރިކަން ގެއްލިގެންނެވެ. 

ވިސްނައިލާށެވެ! އަޅުގަނޑު "ﷲ އަށް ބިރުވެތިވަމޭ" ބުނި އަޑު އެވަނީ ވަގުތުން ﷲ އައްސަވައިވޮޑިގެންފައެވެ. އެއަޑު އައްސަވައިވޮޑިގެން ﷲ އަޅުގަނޑުގެ ބޭނުން ފުއްދަވައިދެއްވެވީއެވެ. ކޮންމެ ފަހަރަކު ވަގުތުން ކަންކަން ކާމިޔާބުނުކުރެވިދާނެއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވާނަމަ އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަން ހުރިހާ އަންހެންކުދިންވެސް ޤަބޫލުކުރަމާ ހިނގާށެވެ!

 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން