އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. މި އެލަރޓް ނެރެފައިވަނީ އުތުރުގެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މި އެލަރޓް ދެމިއޮންނާނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މިއަދު ހަވީރު 3:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އުތުރުގެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިއްސާރަ ސަރަޙައްދުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލަރޓްވެސް ވަނީ ނެރެފައެވެ. މި މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިއްސާރަ ސަރަޙައްދުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިއްސާރަ ސަރަޙައްދުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދު އޮންލައިން