މިހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މޫސުން ގޯސްވެ، ރެކޯޑު އަދަދަކަށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު އިންޒާރު ދީފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވާރޭ ވެހޭނެ ސީދާ މިންވަރު ކަނޑައެޅިގެން ނޭނގުނު ނަމަވެސް، މިއީ ރެކޯޑު އަދަދަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ދުވަސްވަރެކެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
މޫސުމާ ބެހޭ މަޢުލޫމާތު ދެމުން މެޓް އޮފީހުން އިތުރަށް ބުނި ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، އަލްޖަޒީރާގެ ވެދަރ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކަނޑު ދަތުރުފަތުރުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.