ގުޅިފަޅުން ގޯތި ދެވޭނީ ބުރިޖުގެ މަސައްކަތް ނިމުމުން: ހައުސިން މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގުޅިފަޅުން ގޯތި ދެވޭނީ ބުރިޖުގެ މަސައްކަތް ނިމުމުން: ހައުސިން މިނިސްޓަރ

"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރި ގޯތިތައް ދެވޭނީ ތިލަފުށި-މާލެ ބްރިޖުގެ މަޝްރޫޢު ނިމި، އެ ސަރަހައްދު ހިއްކުމަށްފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުން ދޭން ނިންމާފައިވާ ގޯތިތައް ދޫކުރާނެ ވަކި ތާރީޚެއް މިވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ. އޭގެ ސަބަބަކީ ގުޅިފަޅުން އަދި ބިން ހިއްކާ ނުނިމޭތީ އާއި ބުރިޖުގެ މަސައްކަތް ކުރުމަށް ގުޅިފަޅުގެ ބައެއް ޚާއްޞަކޮށްފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ހައުސިން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ގޯތިތައް ދެވޭނީ ބުރިޖުގެ މަސައްކަތް ނިމުމުންނެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިސާބުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގުޅިފަޅުން ބިން ދޫކުރުމަށް މި ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭނުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފަކާ ނުލައި ދިރިއުޅެވޭނެ ކަމަށާއި، އެ ޕްލޭން ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ކަނޑުފަޅުތަކުން ގޯތި ދޫކޮށްފައި ހުރީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ފާހަގަކުރައްވައި، އެ ފަޅުތައް ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ގުޅިފަޅުގައި އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ޖެހޭކަމަށްވެސް ހައުސިން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން