ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، މިއަދު ބަޙްރެއިންއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އަލްޤުދައިބިއްޔާ ގަނޑުވަރުގައި ބަޙްރެއިންގެ ވަލީޢަހުދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، އަލްއަމީރު ސަލްމާން ބިން ޙަމަދު އާލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބަޙްރެއިންގެ ރަސްގެފާނު އަލްމަލިކު ޙަމަދު ބިން ޢީސާ އާލް ޚަލީފާއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީފުޅެއް އަރުވާފައެވެ.
ބައްދަލުކުރެއްވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރުތަކުގައި ބަޙްރެއިންގެ ވެރިކަމާއި ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމާއި، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން ދެ ފަރާތަށް މުހިންމު ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މިނިސްޓަރ ޒަމީރުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނާޞިރު، ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހަލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ މިޒްނާ ވަޙީދެވެ.