ޚާރިޖީ ވަޒީރު ޒަމީރު ބަޙްރެއިންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޚާރިޖީ ވަޒީރު ޒަމީރު ބަޙްރެއިންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު މަނާމާގައި ބަޙްރެއިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަޠީފް ބިން ރަޝީދު އަލްޒަޔާނީއާ ބައްދަލުކުރައްވައިފިއެވެ. ބަޙްރެއިންގެ ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަށް އަލިއަޅުވާލެވުނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ދެފަރާތުގެ ގުޅުން ހަރުދަނާކުރުމާއި، އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުންނެވެ. އަދި ދެ ޤައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ދެފަރާތުގެ ސިޔާސީ މަޝްވަރާތައް ބޭއްވުމުގެ އިމްކާނިއްޔަތާ ބެހޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

ވަޒީރު ޒަމީރު، ބަޙްރެއިންގެ ފަރާތުން އަހަރުތަކެއް ވަންދެން ދިވެހިރާއްޖެއަށް ދެއްވާފައިވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އިތުރު ގުޅުންތައް ޤާއިމުވާނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޒަމީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރު، ސެކްރެޓަރީ (ބައިލެޓަރަލް) ޑރ. ހަލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ މިޒްނާ ވަޙީދެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ އިސްލާމީ ތަރިކައާއި، ހިއްސާކުރާ އަގުތަކާއި އުސޫލުތަކުގެ މައްޗަށްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މިއަދު އޮންލައިން