ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރެވޭގޮތަށް އޮނިގަނޑަށް ބަދަލު ގެންނަން ލަފާދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރެވޭގޮތަށް އޮނިގަނޑަށް ބަދަލު ގެންނަން ލަފާދެނީ

ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭގޮތް ހެދުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިކަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ހެދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދިނުމަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

މިހާރު އޮންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން މުވައްޒަފުންނަށް މަގާމުގައި ތިބެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ ސަބަބުން ކުންފުނީގައި ކޮރަޕްޝަނަށް އިތުރު ފުރުޞަތުތައް ފަހިވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުމާމެދު މާލިއްޔަތު ކޮމިޓީގެ މެންބަރުން މަޝްވަރާކުރުމަށްފަހު، ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ހެދުމަށް ސަރުކާރަށް ލަފާދިނުމަށް ވަނީ ފާސްކޮށްފައެވެ. މިކަމުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން