މާލޭގެ މަގުހެދުމުގެ މަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފެން ބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމަށް ކަމަށް ޢިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވެފައިވަނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުން ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މަޝްރޫޢުގައި މާލޭގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢަކަށްވާތީ، މަޝްރޫޢު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.