ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން، މި އޮގަސްޓު މަހުގެ 14 ވާ ބުދަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނުކުރައްވާފައި ވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ގޮތުން، މި ނިންމުން ނިންމަވާފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގައި މިހާތަނަށް ރެކޯޑުކުރެވިފައި ނެތް މިންވަރަށް ވާރޭވެހި، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީއެވެ. މީގެ އިތުރުން، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް ދެންނެވުމުގައި ފާހަގަކޮށްފައިވެއެވެ.
މި ވިއްސާރައިގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދަތިވެފައިވާކަން ވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި ހާލަތަށް ރިޢާޔަތްކޮށް، އޮގަސްޓު 14 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.