ވިއްސާރައިގައި ގެއްލުންލިބުނު 5 ގޭބިސީއަކުން 23 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވިއްސާރައިގައި ގެއްލުންލިބުނު 5 ގޭބިސީއަކުން 23 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކޮށްފި

މިހާރުކުރަމުންދާ ވިއްސާރައިގައި މާލޭގެ 5 ގޭބިސީއަކަށް ފެން ވަދެ، ދިރިނޫޅެވޭވަރުގެ ގެއްލުންތަކެއް ލިބިގެން އެ ގޭބީސީތަކުގައި އުޅޭ 23 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހެނދުނު ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ފެން ބޮޑުވެގެން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާފަންނު ސަރަޙައްދުގެ ގެތަކަށެވެ. މާފަންނުގެ 2 ގެއަކުން 11 މީހުންނާއި ގަލޮޅުގެ ގެއެއްގެ 3 އެޕާޓްމަންޓަކުން 12 މީހުން ވަނީ ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރެވިފައެވެ. މި މީހުން މިވަގުތު ތިބީ އެންޑީއެމްއޭ އިން ހަމަޖައްސާފައިވާ ވަގުތީ ބޯހިޔާވަހިކަމެއްގައެވެ.

މީގެ އިތުރުން އިތުރު 4 ގެއަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، އެ ގެތަކުގައި އުޅޭ މީހުންނަށްވެސް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

ވިއްސާރައާ ގުޅިގެން މިހާތަނަށް މާލެއިން 251 ރިޕޯޓް ލިބިފައިވާ ކަމަށާއި، ގޭގެއަށް ފެން ވަންނަމުންދާތީ ވެލި ބަސްތާ ހޯދުމަށް 90 ފަރާތަކުން އެދިފައިވާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވިއެވެ. މިހާތަނަށް 800 އަށްވުރެ ގިނަ ވެލި ބަސްތާ ވަނީ ފޯރުކޮށްދެވިފައެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކަމަށާއި، އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭގެ ހޮޓްލައިނަށް ގުޅުމަށް އިރުޝާދު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން