ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގައި ދިމާވާ އިޖުތިމާޢީ ހުރިހާ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސިޔާސަތަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދާ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިއަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި 4،000 ފްލެޓް އެޅުމަށްޓަކައި އެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ބޭނުން ކުރާނީ ކިހާ އަދަދެއްގެ ފައިސާ ކަމާއި އެ މަޝްރޫއު ހިންގާނެ ވަކި ތަނެއް ވެސް މިނިސްޓަރު ވިދާޅެއް ނުވިއެވެ.