ޓެކްސް ރޭޓު ބޮޑުކުރުމުގެ ބަދަލުގައި ބޮޑުކުރުމަށް ނިންމާފައިވަނީ ޓެކްސް ބޭސްތައް ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި ޓެކްސް ބޭސްތައް ބޮޑުކުރުމަށް ނިންމާފައިވަނީ ސިއްހަތަށް ގެއްލުންވާ ބައެއް އެއްޗެހިން އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށެވެ. މިއީ މުޖުތަމަޢަށްވެސް ފައިދާ ކުރާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ޓެކްސްގެ ބޭސްއަށް ބަދަލުތައް ގެނައުމުގެ ކުރިން މިކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތަށް ޓެކްސްގެގޮތުގައި ނުލިބި ހުރި ބޮޑެތި އަދަދުތައް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ގިނަ ރިފޯމްތަކެއް މިއަހަރުގެ މެދުތެރޭގައި ގެނައުމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް ހުރުމުން ރިފޯމްތައް ތަންފީޒްކުރަން ކަނޑައެޅި މުއްދަތުގައި އެކަން ކުރެވިފައި ނުވެއެވެ.
އެހެންނަމަވެސް، މާލީ ވަޒީރު ވިދާޅުވީ ޓެކްސްތަކާ ފީތަކަށް ގެންނަ ބަދަލުތަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށެވެ.