މުސްލިމުންގެ މުޤައްދަސް އެއްބިނާ ކަމަށްވާ އަލް-މަސްޖިދުލް އަޤްޞާއަށް އިސްރާޢީލުގެ ޔަހޫދީން ވަދެ، އެމިސްކިތުގެ ހުރުމަތް ކަނޑާލުން ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާއިގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މިފަދަ ޢަމަލުތަކަކީ އެސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީން ރައްޔިތުންނާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިސްރާޢީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ޤައުމުތަކުން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީން ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް 39,699 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.