ދިވެހި ސަރުކާރުގެ އާމްދަނީގެ 28 އިންސައްތަ ޚަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓްރެސްޓު އަދާކުރުމަށް ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، މާލީ ވަޒީރު ވިދާޅުވީ މިހާރު ލިބޭ އާމްދަނީގެ 28 އިންސައްތަ ޚަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓްރެސްޓު އަދާކުރަން ކަމަށެވެ. މީގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށާއި، ސަރުކާރުން ދޭން ޖެހޭ އެހެން ޚިދުމަތްތައް ދިނުމުގައި ދަތިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ކްރެޑިބަލް ފައިނޭންސިންގް ޕްލޭނެއް އެކުލަވާލައި، 2025ވަނަ އަހަރު، އެއްފަހަރާ 100 މިލިއަން ޑޮލަރު އަދި 2026ވަނަ އަހަރު 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ. ދަރަނި އަނބުރާ ދެއްކުމުގެ ގާބިލްކަން އިތުރުކުރަންޖެހޭ. އެގޮތުން ސޮވްރެން ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ." މާލީ ވަޒީރު ވިދާޅުވިއެވެ.
ބޮޑެތި ދަރަނިތައް އަދާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އިޤްތިސާދު ސިންދަފާތުކުރުމަށް ގިނަ ކަންތައްތަކެއް ރާވައި ތަންފީޒްކުރައްވަމުން ގެންދަވާކަމަށްވެސް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދަރަނީގެ ބުރަ ކުޑަކުރުމަށާއި އިޤްތިސާދީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.