ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ގޭންގު ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ހަރުކަށި ބިލެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
މި ބިލުގައި ގޭންގުތަކާއި، ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަކީ ކޮބައިކަން ސާފުކޮށް ކަނޑައަޅާފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
ބިލުގައި ގޭންގެއްގެ ސިފަތަކުގެ ތެރޭގައި ވަކި ސަރަހައްދެއް އެ ފަރާތެއްގެ ތަނެއްކަމަށް ދައްކުވައިދޭ ގޮތަށް ގްރެފިޓީ ނުވަތަ ނިޝާން ކުރެހުމާއި، އެފަދަ ސަރަހައްދުތަކުގައި ގިނަ ވަގުތު ހޭދަކުރުން ހިމެނެއެވެ. މީގެ އިތުރުން، ވަކި ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ ބަޔަކަށް ކަންކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބޭކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކާނަމަ، އެއީވެސް ގޭންގެއްގެ ސިފައެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަދި ވަކި ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ ތަކުރާރުކޮށް ޖިނާއީ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ބަޔަކަށްވުމާއި، އެ ސަރަހައްދަށް އެއްވެއުޅޭ ބައެއްގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑާ ޚިލާފު އަމަލުތަކާއި މަސްލަހަތަށް ގެއްލުންހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ ރެކޯޑުތަކުން ދައްކާނަމަ، އެއީވެސް ގޭންގެއްގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލަކީ ރާއްޖޭގައި އިތުރުވަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށް ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް، މި ބިލު ފާސްވެ ގާނޫނަކަށް ވުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ.