އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އެންމެ މުހިންމު ސިފައަކަށްވާންޖެހޭނީ އެހެން މީހުންނަށް ހެޔޮކޮށް ހިތައި ރަޙުމްކުރުމެވެ. ޚާއްޞަކޮށް އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށެވެ. ވަކިން ޚާއްޞަކޮށް މާބަނޑު ދުވަސްވަރު އަނބިމިހާއަށް އަޅާލައި ހެޔޮކޮށް ނުހިތާނަމަ އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ޙައްޤުވާނެއެވެ. މާނައަކީ އެއީ އެހައިވެސް ބޮޑުކަމެކެވެ. އެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ހިތާމައަކީ މިކަމުގައި ގިނަ ބައަކު ފޭލްވަމުން އަންނަކަމެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތަކަސް ފުދޭނެއެވެ. އިން ޝާ ﷲ
އެދެމީހުންވެސް ކައިވެނިކުރީ ލޯބިވެގެން ދެ އަހަރެއްހައި ދުވަހު އެކުގައި އުޅެފައެވެ. ކައިވެނިކުރުމަށްފަހު ފިރިމީހާ ބޭނުންވީ އަނބިމީހާ މަސައްކަތު ނުދިއުމަށެވެ. ގޭގައި އޭނާގެ ޚިދުމަތުގައި އިނުމަށެވެ. ފިރިމީހާއަށް ކިޔަމަންތެރިވުމުގެ ގޮތުން އަނބިމީހާ އެކަންވެސް ޤަބޫލުކުރިއެވެ.
ދުވަސްކޮޅެއްވާއިރަށް ފިރިމީހާއަށް ބައެއްޒާތުގެ ކުދިކުދި ބަދަލުތައް އަންނަން ފެށުމުން އަނބިމީހާ ވިސްނައިލިއެވެ. "ދުނިޔޭގައި އެއްވެސް މީހަކަށް އަންނާނެ ބަދަލެއް ނުއެނގޭނެއެވެ. ފަހަރެއްގައި ހަމަ ހިތި ތަޖުރިބާތަކެއްކުރަންވެސް ޖެހިދާނެއެވެ. ވީމާ އަތުގައި އަމިއްލަ ފައިސާކޮޅެއް ހުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ."
އެކަން ވިސްނުމުން ގޭގައި އިނދެ އޮންލައިން ވިޔަފާރިއެއް ފެށިއެވެ. އެމަސައްކަތްކުރަނީ ފިރިމީހާ ގޭގައި ނުއުޅޭ ވަގުތުތަކުގައެވެ. ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ކުރަމުންނެވެ. ވިޔަފާރި ފެށުމުން ކުރިން އޭނާ މަސައްކަތްކުރި ދުވަސްވަރުގެ ކްލައިންޓުންތައް އޭނާއަށް ލިބެންފެށިއެވެ. އެއިރުގެ ކަސްޓަމަރުންވެސް ލިބުނެވެ. ސަޕަލަޔަރުންވެސް ލިބުނެވެ.
ދުވަސްކޮޅެއްވާއިރަށް އޭނާގެ ވިޔަފާރި ކުރިއަރައި އޮންލައިންޕްލެޓްފޯމުގައި އޮފީހެއް ހަދައި މުވައްޒިފުންވެސް ގެންގުޅެން ފެށިއެވެ. އެހެންކަމާއިއެކުވެސް ފިރިމީހާއަށް އަޑުއިވޭ ހިސާބުގައިވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ.
ކައިވެނީގެ 3 ވަނަ އަހަރު ބަލިވެއިނދެއްޖެއެވެ. ބަލިވެއިނުމާއިއެކު ބަލިވެ އެނދުގައި އޮންނަން ޖެހޭދުވަސް ގިނަވެއްޖެއެވެ. ފިރިމީހާގެ ޙަޤީޤީ ސިފަތައް ފެންނަންފެށީ އެހިސާބުންނެވެ. ޚިދުމަތް ނުކުރެވޭތީ ޝަކުވާކުރަން ފަށައިފިއެވެ. ބޭސްފަރުވާކުރަން ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ ޝަކުވާކުރަން ފަށައިފިއެވެ. ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންގޮސް އެންމެފަހުން ވަރިވެސްކޮށްލައިފިއެވެ.
ފިރިމީހާ އެއްޗެތި ގޮވައި ވަރިކުރިއިރުވެސް އަނބިމީހާ އަނގައިންވެސް ނުބުނެއެވެ. ވަރިކުރީމާ އެއްޗެތި ފޮށްޓަށް އަޅައިގެން ގެއިން ނުކުންނަން ހިނގައިގަތުމުންވެސް އެއްޗެތިގޮވަމުން ފިރިމީހާ ފަހަތުން އައެވެ. އަނބިމީހާ ގޭގެ ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ވޭނެއް އޮތެވެ. އަރިމަތީގައި ބޮޑުއަކުރުން ލިޔެފައިވަނީ "ނިޝާނާ އޯ (އޮންލައިން) ސޭލްސް" އެވެ. ދޮރުމަތީގައި 3 ފިރިހެނުން ތިއްބެވެ. އެމީހުން ލައިގެން ތިބި ގަމީހުގައިވެސް އެނަން ލިޔެފައިވެއެވެ.
ފިރިމީހާއަށް ސިހުމެއް ލިބުނެވެ. އެއީ އަނބިމީހާގެ ނަމަކީ ނިޝާނާ ކަމަށްވުމުންނެވެ. "މެޑަމް! ގެންދަންހުރީ ހަމައެކަނި މި 3 ފޮށިތޯ؟" އެމީހުން ސުވާލުކުރުމުން އިތުރު ސިހުމެއް ލިބުނެވެ.
އަނބިމީހާ އަނގައިންވެސް ނުބުނެ ބޯޖަހާލާފައި ނުކުމެގެން ގޮސް ވޭނަށް އެރީއެވެ. ފިރިމީހާ ލިބުނު ޙައިރާންކަމުގައި ގެއަށް ވަދެ އަވަސްއަވަހަށް ނެޓުން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ނިޝާނާ އޯ ސޭލްސް އަކީ އަނބިމީހާގެ ބޮޑު އޮންލައިން ވިޔަފާރިއެކެވެ. އެއީ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެކެވެ.
ނިޝާނާ ފިރިމީހާގެ ގެއިން ނުކުމެގެން ޢާއިލާގެ ގެއަށް ދިއުމުގެ ބަދަލުގައި ދިއައީ އޭނާ ގަނެފައިވާ 3 ކޮޓަރީގެ ފްލެޓަކަށެވެ. ފްލެޓުގައި ހަމަޖެހިލުމަށްފަހު އެއްބަނޑު ދައްތަގެ ދެމަފިރިން ގެއަށް ގެނެސް އެކުގައި ދިރިއުޅެން ފެށިއެވެ.
ފިރިމީހާއަށް ކެތެއް ނުކުރެވުނެވެ. 5 ވަނަ ދުވަހު އަނބިމީހާގެ ކިބައިން މާފަށް އެދެން ދިއައެވެ. ނިޝާނާ އޭނާއަށް ކަމޭހިތުމަށްފަހު ބުންޏެވެ. "ކައިވެންޏަށްފަހު މަހެއްހައި ދުވަސްވެސް ނުވަނީސް ކަލެއަށް އަންނަން ފެށި ބަދަލުތަކުން މިއީ އަންނާނެ ދުވަހެއްކަމަށް ޤަބޫލުކުރެވުމުން ކަލެއަށް ކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއް ކޮށްދެމުން ކަލޭ އެދުނު ފަދައިން ވަޒީފާއަކަށް ނުގޮސް ގޭގައި އިނދެގެން މިދުވަހަށް އަހަރެން ތައްޔާރުވީއެވެ.
ކައިވެންޏަށް އަހަރުވެސް ނުވަނީސް ކަލޭ ހިލޭ އަންހެނުންނާއި ގުޅުން ބާއްވަމުން އަންނަކަންވެސް އެނގުނެވެ. ނަމަވެސް ކެތްތެރިވީއެވެ. ވިސްނައިގެން ހުރީ ވިހައި ގަދަވުމުން ކަލޭގެ އުޅުމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިޞްލާޙްވުމުން ކަންކަން ކިޔައިދީ އެކުގައި އުފަލުގައި އުޅެވޭނެ ކަމަށެވެ. ނަމަވެސް ކަލޭ ބަދަލުވީ ޖަނަވާރެއް ފަދަ މީހަކަށެވެ. އަހަރެން ވަރިކޮށްފައި ތިއަ ނެރެލީ އެންމެ ބޮޑަށް ބަލިވެ އޮތް ދުވަހުއެވެ. ވީމާ ކަލޭގެ ހިތުގައި އަހަރެންނަކަށް އެއްވެސް ވަރަކަށް ރަޙުމެއް ނެތެވެ. ކުރި ހުރިހާ ކަންކަމަށް މާފުކޮށްފީމެވެ. ނަމަވެސް ކަލެއާއިއެކު ދިރިއުޅެން ދެން ވަރަށް އުނދަލުވެ. އެއީ ކަލޭގެ ހިތުގައި އެއްވެސް ވަރަކަށް އަހަރެމެން ދެމައިންނަށް ރަޙުމެއް ކުލުނެއް ނެތުމުންނެވެ. ކަލެއަށް އުފާވެރި ޙަޔާތަކަށް އެދެމެވެ."
ފިރިމީހާ ނިޝާނާގެ ދެފައިގައި ހިފަން މަސައްކަތްކުރިއެވެ. ނަމަވެސް ފުރުޞަތެއް ނުދިނެވެ. އެހިސާބުން ރޮއި ކަރުނަބާލައި ފިރިމީހާ ދެން ދެއްކި އެއްވެސް ވާހަކައަކަށް ޖަވާބުނުދިންތަނުގައި އިސްއުފުލާ ބަލައިވެސް ނުލުމުން އޭނާއަށް ޖެހުނީ އަނބިމީހާ ބައްދަން ގެނައި މަޅިފަތި ހިފައިގެން ހުސްއަތާ ނުކުމެގެންދާށެވެ.
ވިހައި ގަދަވެ ދުވަސްކޮޅެއްފަހުން ނިޝާނާ ދެވަނަ ކައިވެނި ކުރިއެވެ. ދެވަނަ ފިރިމީހާވީ ނިޝާނާއަށް އަޅައިލާ ވަރަށް އޯގާތެރި މީހަކަށެވެ. އެހެންކަމުން ނިޝާނާ އުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.
ނިޝާނާގެ ކުރީގެ ފިރިމީހާއަށް ހެދުނު ގޯސްތައް ވިސްނި ހިތަށް އުނދަގޫވާވަރުން ކެތް ނުކުރެވިގެން ގެވެސް ވިއްކާލާފައި އެހެން ސަރަހައްދަކަށް ހިޖުރަކުރީއެވެ. އެއީ ނިޝާނާ ދެވަނަ ފިރިމީހާ އާއިއެކު ފެންނާތީ ހިތްދަތިވެގެންކަމަށް އޭނާގެ ގާތް ބައެއް އެކުވެރިންގެ ގާތުގައި ބުނިކަމަށްވެއެވެ. "އެމަންޒަރު ފެނުނީމަ ހިތް އިރައިރައިގެންދާ" ކަމަށް ވެސް ބުނިކަމަށްވެއެވެ.
ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް އަހަރެން ކުރަން ބޭނުންވާ އިލްތިމާސަކީ ފިރިމީހާ އާއިމެދު ވަރަށް ބޮޑު ޔަޤީންކަމެއް ލިބުމުން ނޫނީ ފިރިމީހާ ބުނި ނަމަވެސް އާމްދަނީ ހޯދަން އަމިއްލައަށް ކުރާ މަސައްކަތް ހުއްޓައިނުލާށެވެ. މިހެން މިބުނަނީ ދީނުގައި އޮތް ކިޔަމަންތެރިކަން އަދާކުރަން ދެކޮޅުހަދާކަށް ނޫނެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތަންވެސް ދީނުގައި އެބަ އޮތެވެ. ނަމަވެސް ގިނައިން މިދިމާވަނީ އަނިޔާވެރިވުމުގެ މައްސަލަތައް ކަމަށްވާތީއެވެ. އެތައް މިލިއަން ވައުދުތަކާ ހުވާކޮށްފައި ވެސް ކައިވެނިކުރުމަށްފަހު ކަންކަން ކުރެވޭ ގޮތުންނެވެ.
ނިކަމެތިކޮށްލެވޭ ދުވަހު އަމިއްލަ ފުދުންތެރިކަން ނެތުމުގެ ސަބަބުން ބިކަޙާލުގައި ޖެހޭ އަންހެނުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީއެވެ. މިއީ އަހަރެންގެ ޚިޔާލެވެ!
- ނަޣްމާ / ފައިޞަލް އާބާދު، ޕާކިސްތާން