70ގެ އަހަރުތަކުގައި އޯލެވެލްއަކީ 1 ވަނައެވެ. 80 ގެ އަހަރުތަކުގައި އޭލެވެލްއަކީ އެއްވަނައެވެ. މިހާރު 1 ވަނައަކީ ޕީއެޗްޑީއެވެ. އެހެންވެ ކޮންމެ ބެލެނިވެރިއެއްގެ ސަމާލުކަންވެސް ހުއްޓިފައިވަނީ ދަރިފުޅަށް ޕީއެޗްޑީ ޙާޞިލުކޮށްދިނުމަށެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކޮންމެ ކުއްޖަކީ ޕީއެޗްޑީ ޙާޞިލުކުރެވޭނެ ކުއްޖެއް ނޫނެވެ.
ކިޔަވަނީ ކީއްކުރަންހެއްޔެވެ؟ ރިވެތި އަޚްލާޤެއް ލިބިގަތުމަށާއި ދިރިއުޅެވޭނެ އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކުރުމަށެވެ. މި 2 ކަންތައް ޙާޞިލުކުރެވިއްޖެނަމަ އެކުއްޖަކަށް އެވަނީ މޮޅަށް ކިޔެވި ޕީއެޗްޑީ ޙާޞިލުކުރެވިފައެވެ.
ފެންނަން އޮތް ޙަޤީޤަތަކީ ޕީއެޗްޑީ ޙާޞިލުކުރާ ގިނަ ދަރިވަރުންނަށްވުރެ ތަފާތު ފަންނުތަކުން ކުރިއަރައިދާ ކުދިންގެ ދިރިއުޅުން މާކާމިޔާބުކަމެވެ. މާގިނަފައިށާ ހޯދައިގެން މާތަނަވުހައި އުޅޭކަމެވެ.
ކަން އޮތީ މިފަދައިން ނަމަވެސް ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާ ކަމުގައިވުމަށެވެ. އެހެންކަމުން ކްލާހުގައިވެސް ތިމާގެ ދަރިފުޅަށްވުރެ މޮޅު އެހެން އެއްވެސް ކުއްޖަކު ހުންނަން އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވެއެވެ! މާނައަކީ ގިނަ ބެލެނިވެރިން ބޭނުންވަނީ އެގޮތެވެ.
ނަމަވެސް ހެޔޮ ވިސްނޭ ބެލެނިވެރިން އެމީހުންގެ ދަރިންނަށްވުރެ މޮޅު ކުދިން ތިބެދާނެ ކަމަށް ޤަބޫލުކުރާނެއެވެ! ނަމަވެސް އެފަދަ ބެލެނިވެރިންވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަކީ އެންމެ މޮޅު ކުއްޖާ ކަމުގައި ވުމަށެވެ! އެއީ އިންސާނީ އާދައެކެވެ!
މިކަމުގައި އޮތް ނުރައްކަލަކީ ކުއްޖާއަކީ އެންމެ މޮޅު ކުއްޖާ ކަމަށް ހަދަން ކުއްޖާއަށް ޕްރެޝަރުކުރަމުން ގޮސް ކުއްޖާ "މޮޔަވާ" ޙާލަތަށް ޕްރެޝަރު ކުރެވޭ ކަމެވެ. އެފަދަ ޙާލަތުގައި އާޚިރު ނަތީޖާއެއްގެ ގޮތުގައި ފެނިގެންދަނީ އެފަދަ ކުދިންނަކީ އެއްވެސް ދާއިރާއަކުން މޮޅުކުއްޖަކު ކަމުގައި ނުވުމެވެ.
އެ ޙާލަތު މެދުވެރިވަނީ ޕްރެޝަރު ބޮޑުވެ ކެތް ނުކުރެވިގެން ކިޔެވުންމަތިން ކުދިން ފޫހިވުމުންނެވެ. އެންމެ ބޮޑު ހިތާމައަކީ މިފަދަ މައްސަލަތަކަށް ކެތް ނުކުރެވިގެން ކުދިން އަމިއްލައަށް މަރުވަމުންދާ ކަމެވެ. މިއީ މަދުން ނަމަވެސް ހަމަ އެންމެންގެ ލޯމަތީގައި ހިނގަމުންދާ ކަންކަމެވެ. އެކަމުގެ ހިތާމަ މުޅި އުމުރަށް ކުރަން ޖެހޭ ކަންކަމެވެ.
މިކަމާއިމެދު ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ މި ބަސްފުޅުން ޢިބްރަތް ޙާޞިލުކުރެއްވުން ވަރަށް ބުއްދިވެރިއެވެ!
"ދަރީން ތަރުބިއްޔަތު ކުރުމުގައި ކުއްޖާ އެހެން ކުދީންނާ އަޅާ ކިޔުމަކީ މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކަންކަން ދަސްކުރުމާއި، އުނގެނުމާއި، ވާހަކަ ދެއްކުމާއި، ހުނަރުވެރިކަމާއި، ވިސްނުންތޫނު ކަމަކީވެސް އެކި ކުދީންގެ ކިބައިގައި އެކި މިންވަރަށް ހުންނަ ކަންކަމެވެ.
އެވެނި މީހެއްގެ މިވެނި ދަރިއަކު މާ މޮޅުކަމަށް ދެކި، އަމިއްލަ ދަރިފުޅު ދަށްކޮށް، މޮޅު ކުއްޖާއާ އަރާހަމަކުރުމަށް ދަރިފުޅަށް އޮބިނޯންނަ ވަރަށް ޕްރެޝަރުކޮށް، އަމިއްލަ ދަރިފުޅާމެދު މާ ދެރަ ކުއްޖެއްގެ ގޮތުގައި ދުށުމަކީ، ތަރުބިއްޔަތަކީ ކޮބައިކަން އެނގޭ، ހެޔޮ ވިސްނޭ މަންމައަކު އަދި ބައްޕައަކު ކުރާނެ ކަމެއް ނޫނެވެ."
--ޝައިޚް މުޙައްމަދު ޝާފިޢު