މީސްތަކުން ﷲ ތައާލާ ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވައެވެ. އެހެންކަމުން ކޮންމެ ވަގުތަކު ތައުބާވި ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންގެ ތައުބާ ޤަބޫލުކުރައްވަވަތެވެ.
މިބަހުގެ މާނަ އޮޅުވައިނުލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވެ ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީގައި ތިބޭ އެންމެންނަށްވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. އޮތީ އެކަމުގައި އިޚްލާޞްތެރިވި މިންވަރެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އޮތީ މިބަޔާންކުރި ކަންކަން ކުރުމުންނެވެ. އެއީ ވަކިމީހަކަށް އޮތް ކަމެއް ނޫނެވެ.
އެހެންކަމުން ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އޮތް މަގަކީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ފާތަކާއި ދުރުހެލިވުމެވެ. ﷲ ތަޢާލާ މަތިވެރިކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ.
ކަން އޮތީ މިހެން ނަމަވެސް ބައެއް މީހުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ބޭނުންވަނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. މުޞީބާތްތައް ކުރިމަތިވެ 4 ފަރާތުން މީހާ ބައްދައިލުމުންނެވެ. ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ.
ނަމަވެސް މިއީ މުސްލިމުންގެ ސިފައަކަށްވެގެން ނުވާނެއެވެ! އަދި އެއީ މުސްލިމުންގެ ސިފައެއް ނުމެނޫންމެއެވެ. އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތްކަމެވެ. އަދި އެމީހެއްގެ ހިތުގައި ﷲ ތައާލާއަށް އެއްވެސް ލޯތްބެއްވެސް ނެތްކަމެވެ.
ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށާ ސަބަބަކީ މުޞީބާތެއް ކުރިމަތިވުން ކަމުގައި ނަހަދާށެވެ! އަބަދުވެސް ތައުބާވެ ހެޔޮ އަމަލުކުރުންމަތީގައި ދެމިހުންނަ ނަމަ ﷲ ގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުންނެވެ. ކިޔަމަންތެރިންގެ ގޮތަކީ އެއީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން