ޖަޕާނުންދޭ ސްކޮލަރޝިޕް ފުރުސަތަކީ ރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް: ޑރ.މަރްޔަމް މާރިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޖަޕާނުންދޭ ސްކޮލަރޝިޕް ފުރުސަތަކީ ރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް: ޑރ.މަރްޔަމް މާރިޔާ

ޖަޕާނުގެ، ޖަޕަނީޒް ގްރާންޑުން ދޭ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް އަކީ ހަމައެކަނި ދިވެހި ސަރުކާރުގެ ސިވިލް ސާރވިސް މުވައްޒަފުންގެ ތަމްރީނާއި ތަޢުލީމައްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ނޫންކަމާއި މިއީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އެކަމަނާ ވިދާޅުވީ ޖަޕާނުން މަތީ ތަޢުލީމު ހާޞިލުކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ ކުރިއަރުވައި ހިންގަން ތިބި ވެރިންކަމަށެވެ.

އެކަމަނާ ވިދާޅުވީ މި ސްކޮލަޝިޕަކީ ރާއްޖޭގައި ތިބި ހުނަރުވެރި ޤާބިލް ސިވިލް ސާރވިސް މުވައްޒަފުން ޖަޕާނުގެ މަޤްބޫލު ޔުނިވާސިޓީތަކުގައި ތަޢުލީމު ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށެވެ. މިފަދަ ފުރުސަތުތަކަކީ އެ ދަރިވަރުންނަށް ލިބޭ އަމިއްލަކުރިއެރުމުގެ އިތުރުން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމަށް ވެސް ވިދާޅުވިއެވެ.

"މި ސްކޮލަރޝިޕް އަކީ ހަމައެކަނި ދިވެހި ސަރުކާރުގެ ސިވިލް ސާރވިސް މުވައްޒަފުންގެ ތަމްރީނާއި ތަޢުލީމައްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ނޫން. މިއީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް"

 

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން، ވޭތުވެދިޔަ 4 އަހަރު ތެރޭގައި، ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް 24 ސްކޮލަޝިޕެއް ދެއްވާފައިވާ ކަމަށާ، މި ސްކޮލަޝިޕްތަކުގެ ދަށުން 22 ދިވެހި ދަރިވަރުން އެންވާރޮމެންޓަލް ސައިންސެސް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ އިތުރުން އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ ދިވެހިރާއްޖޭގެ ތަރައްޤީއަށް މުޙިއްމު އެތަށް ދާއިރާއަކުން ދިވެހިން ތަމްރީނު ވެފައިވާކަމަށެވެ. އަދި މި ފަދަ ސްކޮލަޝިޕް ޕްރޮގްރާމަކުން ދިވެހިރާއްޖެއަށް ކުރާ ފައިދާގެ އިތުރުން ޖަޕާނާއި ދިވެހި ދަޢުލަތުގެ ދެމެދުގައިވާ ގުޅުން ބަދަހިވެގެންދާކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާގެ މި ވާހަކަފުޅުގައި، ޖަޕާނުގެ ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ) އިން ދިވެހިރާއްޖޭގެ ސިވިލް ސާރވަންޓް މުވައްޒަފުން ކުރިއެރުވުމަށް ދެއްވާ އެހީއާއި އެއްބާރުލުމަށް ޝުކުރުޢަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ގެ އިތުރުން އެ ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަޕާނު އެންބަސީގެ އިސްބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން