ދިވެހި ރާއްޖެއާއި ބަޙްރައިނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބަޙްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ މި ދަތުރުފުޅުގައި ބަޙްރައިނުގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވާ ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ބަޙްރައިނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން،" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙުމަތްތެރިކަން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ބަޚްރައިންއާ ދެމެދު އޮތް ގުޅުން، އިތުރަށް ބަދަހިކުރުމާއި އެއްބާރުލުން ދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.