ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަށް ހަރުކަށި އަދަބު ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަށް ހަރުކަށި އަދަބު ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް މަސައްކަތް ފަށައިފި

ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަށް ހަރުކަށި އަދަބު ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ. މި އިޞްލާހު ޑްރާފްޓްކޮށްފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންނެވެ.

މި އިޞްލާހުގެ ދަށުން، ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީއަކުން ގޭންގު މެންބަރެއްކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ އެމީހަކު ވަޒީފާއިން ވަކިކުރަން ޖެހޭނެއެވެ. އަދި ދައުލަތުގެ އެއްވެސް ވަޒީފާއެއް އެފަދަ މީހަކަށް ދީގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، އެއްވެސް އިންތިޚާބީ މަގާމަކަށް އެ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ދީގެންވެސް ނުވާނެއެވެ.

ޑްރާފްޓް ބިލުގައި ގޭންގެއްގެ މަޢުލޫމާތާއި ނިޝާން ހާމަކޮށްފިނަމަ، 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށްވެސް ހުށަހަޅާފައިވެއެވެ.

އަދި ގޭންގު ހަރަކާތެއް ހިންގުމަށް އުޅަނދެއް ބޭނުން ކޮށްފިނަމަ، ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަކަށް އެ އުޅަނދު ހިފެހެއްޓުމުގެ ބާރު ދިނުމަށްވެސް މި އިޞްލާހުގައި ހުށަހަޅާފައިވެއެވެ. 

މިއަދު އޮންލައިން