ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ހިމަނައިފިއެވެ.
މި ގަވާއިދުގެ ދަށުން، ލޭނުކޮޅު ނުވަތަ ބްރާންޗް ލައިންގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެއެވެ. މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް އަދި ލޭނުކޮޅު ބުރި ކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަންވާނެއެވެ. މި އާލާތްތައް ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ހުންނަންޖެހޭނެއެވެ.
ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއެކެވެ.
އިތުރުން، ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މި ގަވާއިދުގެ ދަށުން ވަނީ ހުއްދަކޮށްފައެވެ.
މިދިޔަ މާޗު މަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ.