ބައެއް ފިރިހެނުން އެމީހުންގެ ބޭނުން ފުދުމުން އަނބިމީހާއާއި ވަކިވެ ދުރަށް ޖެހެއެވެ. މިއީ އެއްވެސް ޙާލެއްގައި އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ދުރަށް ދާންޖެހޭނީ އަނބިމީހާއަށް ހިތްހަމަޖެހުން ހޯދައިދީފައެވެ. ނޫންނަމަ އެކަން ވާނީ އަނބިމީހާއަށް ދެވޭ އަނިޔާއަކަށެވެ. ފިރިމީހާގެ މަތިން ފޫހިވާ ސަބަބަކަށެވެ!
އަނބިން ގޭގައި ތިބި ނަމަވެސް މިއަދުގެ އަނބިންނަކީ މުޅި ދުނިޔެއަށް ހުޅުވިގެން ތިބޭ ބައެކެވެ. ގެއަށް ފިރިހެނުން ވަދެ ނުއުޅުނަސް އެކަނބަލުން ބޭނުންވެއްޖެނަމަ ކޮންމެ މީހަކާއިވެސް ވާހަކަދެއްކުމުގެ ފުރުޞަތު އެބައޮތެވެ. ވީމާ ކުރަން އޮތް ގޮތަކީ އެކަނބަލުންނަށް ހުރި މަގުތައް ކުރާ އަމުރަކުން ބަންދު ކުރުމެއް ނޫނެވެ. އެކަނބަލުންނަށް އަޅާލައި އެހެން މީހުންނާއި ވާހަކަދައްކަން ނުޖެހޭނެ ގޮތަށް ކަންކަން ކުރުމެވެ.
ގިނަ އަނބިން އެމީހުންނަށް ކުރިމަތިވާ ކަންކަމުގެ ވާހަކަ ޢާއިލާއަށް ނުވަތަ ޢިލްމްވެރިއަކަށް ކިޔައިދޭން ލަދުގަނެއެވެ. ލަދުގަންނަ ކޮންމެ އަންތބަކީ އެކަންކަމުގެ ވާހަކަތައް ނުދައްކައި ތިބޭ ބައެއްވެސް ނޫނެވެ. ގިނަ އަނބިންނަކީ ޝައިޠޯނާ އެމީހުންނަށް ދައްކާ ބައެއް ނުވަތަ މީހެއްގެ ގާތުގައި އެވާހަކަތައް ދައްކާ ބައެކެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ޤަބްދެއް ނެތި ނަމަވެސް ނުބައިމަގުން ދެވެންފަށާކަމެވެ.
މިވާހަކަ ދައްކަން މިޖެހެނީ އަނބިން އެފަދަ ނުބައި މަގުތަކުން ދިއުން ހުއްޓުވުމަށް ފިރިމީހާއަށް ކުރެވެން ހުންނަ ކަންކަން ކުރަން ވިސްނައިދިނުމަށެވެ. ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް ވެއެވެ. އެއީ އެމީހެއްގެ ނަފްސަށް ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ޙާޞިލުކުރެވޭނެ މަގެއް ހޯދަން މަސައްކަތްކުރާނެ ކަމެވެ.
ދެން އޮތީ ފިރިމީހާގެ ޞިއްޙީ ޙާލަތެވެ. ޞިއްޙީ ޙާލަތު ރަނގަޅު ނޫންނަމަ އިސްލާމް ދީން ހުއްދަކުރާ މަގުން ފަރުވާ ހޯދާށެވެ. އެކަން ނުކުރެވޭނަމަ އެވެވެނީ އިހްމާލެވެ. ބަލިވުމުން ފަރުވާކުރުން އިސްލާމް ދީން ވާޖިބުކުރެއެވެ. އޮތީ ބޭސްފަރުވާ ކުރަމުން ދުޢާކުރުމެވެ. އެމަގުން ޢަމަލުކުރީމާ ﷲ ތަޢާލާ ޝިފާ ދެއްވަވާނެތެވެ.
ދެން ބުނެލަން ބޭނުންވަނީ ޢުމުރުގެ ބޮޑު ތަފާތު ހުންނަ ގޮތަށް ކައިވެނިކުރުމުގެ ވާހަކައެވެ. ޢމުރުގެ ތަފާތު ކިތަންމެ ބޮޑުނަމަވެސް ކައިވެނިކުރުން ހުއްދައެވެ. ނަމަވެސް ޝަރުޠެއްގެ މަތިންނެވެ. އެ ޝަރުޠަކީ ޒުވާން އަނބިމީހާގެ ބޭނުންތައް ފުއްދައިދިނުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ހުރުމެވެ. ނޫންނަމަ ކުރިން މިބުނި ފަދަ މައްސަލަތައް ކުރިމަތިވާނެތީއެވެ!
- ޑރ. މުޙައްމަދު ޞާލިޙްގެ ދަރުސަކުން