ތިމާ ކުރި ދުޢާއެއް ޢިޖާބަކުރެއްވެވުން ލަސްވެގެން ނާއުންމީދުވެ، އަޅުކަންކުރުމާ ދުރުހެލިވެ، ފާފަކުރަން ފަށައިފިނަމަ ހުރިހާ ދެރައެއްވެސް ލިބޭނީ ހަމަ އެމީހަކަށް!: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިމާ ކުރި ދުޢާއެއް ޢިޖާބަކުރެއްވެވުން ލަސްވެގެން ނާއުންމީދުވެ، އަޅުކަންކުރުމާ ދުރުހެލިވެ، ފާފަކުރަން ފަށައިފިނަމަ ހުރިހާ ދެރައެއްވެސް ލިބޭނީ ހަމަ އެމީހަކަށް!: ޑރ. ނޫމާން ޢަލީ ޚާން

ބައެއް މީހުން އެބަ ބުނެއެވެ. "އަހުރެން މިވެނި އެވެނި އަޅުކަން ކުރަމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ މިވެނި އެވެނި ޙަރާމް ކަންކަން ނުކުރަމެވެ. ނުވަތަ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރަމެވެ. އެކަމަކު އަހުރެން ﷲ ތަޢާލާގެ ޙަޟްރަތުން އެދުނީ (ދުޢާކުރީ) އެންމެ ކަމަކަށް އެދިގެންނެވެ. އެކަންތައް ﷲ ތަޢާލާ ހިންމަވައެއް ނުދެއްވެވިއެވެ. އެހެންވެ ދެން އަހުރެން އަޅުކަމެއް ނުކުރާނަމެވެ."  

މިވިސްނުން ހުރެއްޖެނަމަ އެމީހަކަށް އެ ޤަބޫލުކުރެވެނީ އަހުރެމެންގެ ދީން، އިސްލާމް ދީނަކީ ކުރާ ވިޔަފާއެއް ކަމަށެވެ. އަގު އަދާކުރީމާ މުދައު ލިބެންޖެހޭނެ ކަމަށެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިއައީ އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކަށް އިސްލާމް ދީން ދަސްކުރާށެވެ.  

ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ޙަރާމްކަންކަން ނުކުރަންވީވެސް، އަދި ފާފަނުކުރަންވީވެސް ތިމާގެ އާޚިރަތް ކާމިޔާބުކުރުމަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކުރުންމަތީގައި ހުރެއްޖެ މީހަކު ސުވަރުގެވައްދަވާނެތެވެ. ވީމާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންވީވެސް އަދި އަޅުކަންކުރަންވީވެސް އަދި ދީނުގައި ޘާބިތުވެ ހުންނަންވީވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދުމުގެ ބޭނުމުގައެވެ. އެކަމުގައި އެއްވެސް މީހަކަށް ﷲ ތަޢާލާ ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ. މުސްލިމުން މިތިބީ އެކަން ޔަޤީންކޮށްގެންނެވެ.  

ދެން ބުނެލަން އޮތީ ތިބާ އަޅުކަން ނުކުރިއްޔާ އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރިއްޔާ ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް އުނިނުވާތެވެ. އަދި ޛައްރެއްގެ މިންވަރު އިތުރުވެސް ނުވާނެތެވެ. ހުރިހާ ދެރައެއް ލިބޭނީ ހަމަ އެމީހަކަށެވެ.  

އިސްލާމްދީނުގެ ހަޤީޤަތަކީ މިއީއެވެ. ވީމާ ތިމާ ކުރި ދުޢާއެއް ޢިޖާބަކުރެއްވެވުން ލަސްވެގެން ނާއުންމީދުނުވާށެވެ! އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! ފާފަކުރަން ނުފަށާށެވެ! އެއިން ކަމެއްކޮށްފިނަމަ ހުރިހާ ދެރައެއްވެސް ލިބޭނީ ހަމަ އެމީހަކަށެވެ.  

- މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން