އިބިލީހަށް ދުންމާރި ފުމެދެމުން އަންނައިރު އެންމެ ބޮޑު ދުންމާރި ފުމެވޭ ދުވަހު ތިމާއަށް ހުންނަންޖެހޭނެ ޙާލަތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
އިބިލީހަށް ދުންމާރި ފުމެދެމުން އަންނައިރު އެންމެ ބޮޑު ދުންމާރި ފުމެވޭ ދުވަހު ތިމާއަށް ހުންނަންޖެހޭނެ ޙާލަތަކީ ކޮބާ؟

އަޅުގަނޑު ދިރިއުޅެނީ ހުޅުމާލޭގައި ހުންނަ ސްކޫލެއްގެ ކައިރީގައެވެ. އެސްކޫލާއި އިންވެގެން ކުޅިވަރުކުޅޭ ދަނޑެއް އޮވެއެވެ. އެދަނޑުގައި ކުޅިވަރުކުޅޭއިރު ދުންމާރިއާ ބެރުގެ އަޑު ގަދަކަމުން ގޭގައި ތިބެން އުނދަގޫވެއެވެ. އަދި ދާދި ގާތުގައި ހުންނަ ދެމިސްކިތަށްވެސް އެކަމުގެ އުނދަގޫތައް ފޯރައެވެ. އިބިލީހަށް ކޮށްދޭ މިކަންކަން ނުކޮށް ކުޅިވަރު ހަމަ ނުކުޅެވޭނީތޯ؟ ޖަވާބު އަވަސް! 

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ކަންތައް ގިނަބއަކު ފާހަގަކުރެއެވެ. ހިތާމައަކީ އެކަންކަން ކުރާ ބައަކަށް ނުވިސްނޭ ކަމެވެ. ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ދުންމާރިއާއި ނުލައި ކުރެވޭ އެއްވެސް ކަމެއް ނެތްކަމަށް ބުނެވޭ ހިސާބަށް ދުންމާރިފުމުން ގިނަވެއްޖެއެވެ. ދުންމާރި ފުމެ އުފާކޮށް ލަވަކިޔައި އަތް ޖަހައި ނަށައި ހެދުމަކީ މިއަދު މީސްތަކުން އެއްވެ ކުރާ ކޮންމެ ކަމެއްގައި ކުރަމުން ގެންދާ ކަންކަމެވެ. މިއީ އިބިލީހަށް ކޮށްދެވޭ ކަމެއްކަމާއިމެދު ވިސްނައެއް ނުލެވެއެވެ. 

ކުޅިވަރުތަކުގެ ތެރެއިން ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކުޅިވަރެއް ކުޅުނުކަމުގައިވީނަމަވެސް އިބްލީސް ތަޢާރަފްކޮށްދިން ދުންމާރިން އިބިލީހަށް އޮނުފުމެނުދީ ކުޅެވޭ ކަމަކަށް މިހާރަކު ނުހަދައެވެ. މުޝްރިކުން ކުރާ ކޮންމެ ކަމެއް ކުރުމުގެ ނުބައި އާދަ މިވަނީ އެވަރަށް މުސްލިމުންގެ ތެރެއަށް ވައްދައިފައެވެ. 

މިއަދު ދުންމާރިތައް ފުމެބަލާށެވެ! އިބިލީސް އުފާކޮށްދީ އެކަމުން އުފާލިބިގަނެބަލާށެވެ! ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެންމެ ބޮޑު ދުންމާރި ފުމެލެވޭނެކަން ޤަބޫލުކުރުމެވެ. 

އެދުންމާރި ފުމެލައްވަވާނީ ﷲ ތަޢާލާގެ އަމުރުފުޅަށް އިސްރާފީލްގެފާނެވެ. އެދުންމާރީގެ އަޑާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިރުވާ ދުވަހު ތިބާ މިއަދު ތިއަ ދުންމާރި ފުންމައިދޭ އިބިލީހަށްވެސް ހުންނަން ޖެހޭނީ އެއްވެސް ބާރެއް ނެތި ވަރަށް ރަނގަޅަށް ސައިޒުވެގެންނެވެ. ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

ބިރުވެތިވާށެވެ! ދުންމާރިތައް ދޫކޮށްލާށެވެ! ބޮޑު ދުންމާރީގެ އަޑަށް އިޖާބް ދޭން ޖެހޭ ދުވަހު ތިބާ ސައިޒުގައި ހުންނަން އެދޭނަމަ ތާޅަފިލިން 5 އިވެމުންދާ ބަންގީގެ އަޑަށް ފުރިހަމައަށް އިޖާބަދޭ މީހަކަށްވާށެވެ! އެންމެ މަދުވެގެން ވެސް ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟު 17 ރަކްޢަތް އަދާކުރުންމަތީގައި ސާބިތުވެ ހުންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން