ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.
"ތިއަބައިމީހުންނަށް އެކަންކަން ނަހީކުރައްވަވާފައިވާ ބޮޑެތި ފާފަތަކުން ތިއަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިއަބައިމީހުންގެ ކުދިކުދި ފާފަތައް ތިއަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންރަސްކަލާނގެ، ތިއަބައިމީހުން ވައްދަވާހުށީމެވެ." (އައްނިސާ: 31)
މީސްތަކުންނޭވެ! ޒިނޭކުރުމާއި ވައްކަންކުރުމާއި ޚިޔާނާތްތެރިވުމާއި މީހުންގެ މުދާ އަތުލައިގަތުމާއި ރިބާ ކެއުމާ ޖުވާކުޅުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މީހުންނަށް އަނިޔާވެރިވުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި އަދި މިނޫންވެސް ބޮޑެތި ހުރިހާ ފާފަތަކާއި ދުރުހެލިވާށެވެ!
އެއިރުން ﷲ ތަޢާލާ ވަހީ ކުރައްވަވާފައި އެވަނީ ކުރެވޭ ކުދި ފާފަތައް ތިމަން ﷲ ފުއްސަވައި ދެއްވަވައި އެމީހަކު ސުވަރުގެ ވައްދަވައި ދެއްވަވާނެ ކަމަށެވެ! އިންސާނުން ކަމުގައި ވީތީ ފާފަތައް ކުރެވޭނެއެވެ. ކުދިފާފަތައް ކުރެވުން ގިނަވާނެއެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.
މިއާޔަތުގައި މިހެން އޮތުމަކީ ކުދިފާފަތައް ކުރަން ހުއްދަ ލިބޭ ސަބަބަކަށް ނުހަދާށެވެ! ކުރެވޭ ކުދިފާފަތައް ގިނަވެ ފުނިޖެހުމަކީ ވަރަށް ބިރުހުރި ކަމެކެވެ. މުސްލިމުންގެ ގޮތަކީ ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ފާފައެއް ނުކުރުމެވެ. ﷲ ތައަލާ އަށް ބިރުވެތިވުމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިވުމެވެ.
މުސްލިމުންގެ ހުރިހާ ވެސް އުންމީދަކީ ސުވަރުގެ ލިބުމެވެ. ދުނިޔޭގައި ތިބެ ގަދައަޅައި މަސައްކަތްކުރަނީ ހަމަ އެކަމުގެ ބޭނުމުގައެވެ. މިއީ އެފަދަ މީހުންނަށް ﷲ ތައާލާ ދެއްވަވާފައިވާ ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން