މިކަންކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިކަންކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ ކާމިޔާބުވާނެ! އިން ޝާ ﷲ

ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރަން ބޭނުންވުމުން އެންމެ މޮޅުގޮތަކީ ނުވަތަ އެންމެ ކާމިޔާބު ގޮތަކީ ކޮބައިކަން ބުނެދޭން އެނގޭނެ އެއްވެސް މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ވަރަށް ގިނަ ބައަކު ވަރަށް ގިނަ ގޮތްގޮތް ބުނެދީފިއެވެ. ބޮޑެތި ފޮތްތައް ލިޔެ ފިލްމްތައްވެސް އުފައްދައިފިއެވެ. ނަމަވެސް އެގޮތް ކަނޑައަޅަން އުނދަގޫތަކެއް އެބަހުއްޓެވެ. 

އެންމެން ދައްކާ ހުރިހާ ވާހަކަކަށް ބެލިނަމަވެސް ވަށައި ގޮސްޖެހެނީ ހަމަ އެއްތަނެއްގައެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ ތަޤްވާވެރިއަކު އިޚްތިޔާރުކުރަން އޮތް ޙަދީޘްފުޅެވެ. 

އެއްވެސް މީހެއްގެ އެއްވެސް ނިންމުމަކީ ދުވަހަކުވެސް ބަދަލުނުވާނެ ނިންމުމެއް ކަމަކަށް ނުބުނެވޭނެއެވެ. ވީމާ ތަޤްވާވެރިންގެ ނިންމުން ނުވަތަ ވިސްނުންވެސް ފަހުން ބަދަލުކޮށްފާނެއެވެ. އެކަމަކު ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ އެމީހާ ﷲ ތަޢާލާއަށް ބިރުވެތިވާހައި ހިނދަކު އެއްވެސް މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ނުދޭނެކަމެވެ. އަނިޔާވެރި ނުވާނެ ކަމެވެ. 

މިމިންވަރުވެސް މިއަދު ލިބެން އޮތީ ހަމައެކަނި ތަޤްވާވެރިންގެ ކިބައިންނެވެ. ތަޤްވާވެރިކަން ނެތްނަމަ އަނިޔާވެރިވަތަނާއި ގެއްލުންދޭތަން އަބަދުހެން މިއަންނަނީ ފެނިގެންނެވެ. 

ދެން ބުނެލަން ބޭނުންވަނީ ބައިވެރިޔާއަކީ ތިމާ އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހުންނާނެ މީހަކު ކަމަށް ހީވެސް ނުކުރާށެވެ. އެފަދަ ހަމައެކަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ. 

ވީމާ ކައިވެނިކުރުމުގެ ކުރިން ލިސްޓެއް ހަދަންވާނެއެވެ. އެލިސްޓުގައި ތިމާ އެންމެ ބޮޑަށް ބޭނުންވާ ކަންކަމާއި ދެން ބޭނުންވާ ކަންކަމާއި ދެން ބޭނުންވާ ކަންކަން ދަރަޖަކުރަންވާނެއެވެ. އަދި އަނެކާގެ އަތުންވެސް ހަމައެފަދަ ލިސްޓެއް ހޯދަންވާނެއެވެ. ދެލިސްޓުން ފުރިހަމަކުރެވޭނެ ކަންކަމަށް ދެމީހުން އެކުގައި ތިބެގެން މަޝްވަރާކުރަންވާނެއެވެ. ކައިވެނިކުރަންވާނީ ޢަމަލުކުރެވޭނެ ވަރަކާއިމެދު ދެމީހުންވެސް ހިތްހަމަޖެހިގެންނެވެ. އެކަންކަން ކޮށްގެން ކުރާ ކައިވެނިތައް އުފާވެރިވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން