ކިތަންމެ ބޮޑު ކަމަކުން ސަލާމަތްވާން ނަމަވެސް ﷲގެ މަގު ދޫނުކޮށް ﷲ ގެ މަގުގަ ސާބިތުވުމުން ﷲ ތިބާގެ ކަންބޮޑުވުން ފިލުއްވަވައި ދެއްވަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކިތަންމެ ބޮޑު ކަމަކުން ސަލާމަތްވާން ނަމަވެސް ﷲގެ މަގު ދޫނުކޮށް ﷲ ގެ މަގުގަ ސާބިތުވުމުން ﷲ ތިބާގެ ކަންބޮޑުވުން ފިލުއްވަވައި ދެއްވަވާނެތެވެ!: މުފްތީ މެންކް

"އެއްވެސް ކަމެއް ކުރަން އުނދަގޫވެ، ހާސްވެ ކަންބޮޑުވާން ޖެހޭ ޙާލަތަށް ހިނގައްޖެނަމަ އެކަމަކުން މިންޖުވެވި އަރައަިގެނެވޭނެ މަގު ދައްކަވައިދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދަންނަވާށެވެ! އެކަމަށް މަގު ދައްކަވައި ދެއްވަވައި އެކަން ލުއިފަސޭހަ މަގަކުން ﷲ ތަޢާލާ ޙައްލުކޮށްދެއްވަވާނެކަމަށް ޔަޤީންކުރާށެވެ!

ހުރިހާ ކަމެއްގެ ޙައްލުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ﷲ ތަޢާލާއަށް އިތުބާރުކުރުމުން އެކަމަކުން ތިބާއަށް ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެތެވެ! ތިބާގެ ކަންބޮޑުވުން ފިލުއްވަވައި ދެއްވަވައި ހިތަށް ހަމަޖެހުން މިންވަރުކޮށްދެއްވަވާނެތެވެ! ވީމާ އެއްވެސް ކަމަކުން ސަލާމަތްވުމުގެ ބޭނުމުގައި ނުވަތަ އެއްވެސް ދަތިކަމަކުން އަރައިގަތުމުގެ ބޭނުމުގައި ﷲ ތަޢާލާގެ މަގު ދޫނުކުރާށެވެ!"

-- މުފްތީ މެންކް

އިމާމް މުފްތީ މެންކް ބަޔާންކޮށްދެއްވަވާފައި މިބަސްފުޅުގައި އެވަނީ ކަން އޮތް މަގެވެ. ކަންކުރަންވީ ގޮތެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކަމެއް ދިމާވާއިރަށް އެކަމަކުން އަރައިގަތުމުގެ ބޭނުމުގައި ﷲ ތަޢާލާގެ މަގު ދޫކޮށްލެވެއެވެ! ކޮންމެވެސް މީހަކު ބުނާ ގޮތަށް ކަންތައް ކުރެއެވެ.

ނަތީޖާއަކަށްވެގެންދަނީ ރިޝްވަތު ދިނުމާއި އެނޫންވެސް ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރެވުމެވެ. މީހުންނަށް ފައިސާ ދީގެން ދޮގުހެކި ދިނުން ފަދަ ކަންކަން ވެސް އެބަ ކުރުވައެވެ.

ފަހަރެއްގައި މިފަދަ ކަމަކުން ވަގުތީ ޙައްލެއްވެސް ލިބިދާނެއެވެ. ނަމަވެސް އެމީހަކު ކުރި ނުބައި އަމަލު އެމީހަކާއި އަރައި ހަމަކުރާނެއެވެ! އެއީ ހަމަ ޔަޤީންކަމެކެވެ. އަދި އެކަމުގެ ސަބަބުން އުފުލަން ޖެހޭ ވޭނާއި ހިތްދަތިކަން މާބޮޑުވެސްވާނެއެވެ!

ވީމާ ކޮންމެ ފަދަ ހިތްދަތިކަމެއް ލިބުނު ނަމަވެސް އަދި އަނިޔާއެއް ލިބުނުކަމުގައިވީނަމަވެސް އެކަމަކުން އަރައިގަތުމަށް ﷲ ތަޢާލާގެ މަގު ދޫނުކުރާށެވެ! އެގޮތުގައި ސާބިތުވުމުން ފަހުން ލިބޭ އުފަލާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން