އިންސާނާގެ ޙަޔާތް ކާމިޔާބުވުމަކީ ސުވަރުގެ ލިބުމެވެ. އެކަން ކާމިޔާބުކުރުމަށްޓަކައި ﷲ ތައާލާގެ ޙަޟްރަތުން އެދެން ޖެހޭ 2 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ދުނިޔޭގައި ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވާ އަޅަކު ކަމުގައި ލައްވަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ސުވަރުގެ ލިބުމަށް ދަހިވެތިވާ، އެކަމަށް ކެތްމަދުވެފައިވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުމެވެ.
މި 2 ކަންތައް ކާމިޔާބުކުރެވިއްޖެ ކޮންމެ މީހަކީ ދުނިޔޭގެ ޙަޔާތް ކާމިޔާބު ކުރެވިފައިވާ މީހެކެވެ!
ދުނިޔޭގައި އެދެންވީ އުފާފާގަތިކަމަށާއި ތަނަވަސްކަމަކަށް ނޫނެވެ. އެކަންކަމުގެ ސަބަބުން މީހާއަށް މަގުއޮޅި ﷲ ތަޢާލާ އާއި ދުރުވެވިދާނެ ކަމަށްޓަކައި ބިރުވެތިވާށެވެ! އެދެންވީ ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވުމުގެ ކުޅަދާނަކަން ދެއްވެވުމަށެވެ. އެކަމުގެ ސަބަބުން މީހާ ދާނީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވެމުންނެވެ.
ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެވޭނީ ސުވަރުގެ ލިބުމަށް ދަހިވެތިކަން ބޮޑުވީ ވަރަކަށެވެ. އެކަމަށްޓަކައި ކެތްތެރިކަން ކުޑަވީ ވަރަކަށެވެ. އަހުރެންގެ ވިސްނުމުގައި މި ނޫން ކަމަކަށް ކެތްތެރިކަން ކުޑަކުރުމެއް ނެތެވެ. އެހެން ހުރިހާ ކަންކަމުގައިވެސް އޮތީ ކެތްތެރިކަން އިތުރުކުރުމެވެ!
މި 2 ކަންތައް އެދޭ މީހާ މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!
"ޔާ ﷲ! ދުނިޔޭގައި މިއަޅާއަށް މިންވަރުކުރައްވަވާ ދަތިޙާލަށް ކެތްތެރިވެވޭ އަދި އިނބަ ﷲ އަށް ޝުކުރުވެރިވާ އަޅަކު ކަމުގައި ވުމަށް މިންވަރުކޮށްދެއްވަވާނދޭވެ! މިއަޅާގެ ކެތް މަދުވެފައިވަނީ ސުވަރުގެ ލިބުމަށެވެ! ސުވަރުގެ ލިބުމަށް ކެތްމަދުވުން މިއަޅާއަށް އިތުރުކޮށްދެއްވަވާނދޭވެ!" އާމީން
ސުވަރުގެ ލިބުމަށް ކެތްމަދުވުންކަމަށް ބުނެވެނީ އެކަމަށް އެދިގެން ކުރާ މަސައްކަތްކުރުމުގައި ހީވާގިވެ ވީހާ ގިނައިން އެމަސައްކަތް ކުރުމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން