މުސްލިމުންގެ 4 މަޛްހަބްވެސް ފުރިހަމަ! މައްސަލައަކަށްވާނީ ފުރިހަމަ މަޢުލުމާތު ނެތި އިތުރު ގޮތްތަކަށް ޢަމަލުކުރުން އުޅެފިނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މުސްލިމުންގެ 4 މަޛްހަބްވެސް ފުރިހަމަ! މައްސަލައަކަށްވާނީ ފުރިހަމަ މަޢުލުމާތު ނެތި އިތުރު ގޮތްތަކަށް ޢަމަލުކުރުން އުޅެފިނަމަ!

އެންމެ ރަނގަޅު މަޛްހަބަކީ ކޮބައިތޯ؟

 

މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. އަހުރެން ބުނާނީ 4 މަޛަހަބަކީ ހަމަ އެންމެ ރަނގަޅު މަޛްހަބް ކަމަށެވެ. މައްސަލައަކަށްވާނީ ފުރިހަމަ މަޢުލޫމާތު ނެތި އިތުރު ގޮތްތައް އަމިއްލައަށް  ހޯދަން އުޅުމެވެ. އިތުރު ގޮތްތަކަށް ޢަމަލުކުރުމެވެ. 4 މަޛްހަބުން ކުރެ އެއްވެސް މަޛްހަބަކުން ޘާބިތުވާ ގޮތަށް ޢަމަލުކޮށްގެން ޖެހޭނެ މައްސަލައެއް ނެތެވެ. 

މުސްލިމުން ޢަމަލުކުރާ 4 މަޛްހަބް އޮތުމުން ޢިލްމުވެރިންގެ ރަޢްޔު ތަފާތުވެދާނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. 4 މަޛްހަބުގެ ވެސް އަޞްލަކީ ރަސޫލް () ގެ ސުންނަތެވެ. ވީމާ އެއްވެސް މަޛްހަބަކީ ކަމުނުދާ މަޛްހަބެއް ކަމުގައި ބުނެގެން ނުވާނެއެވެ. އެއްވެސް މީހަކީ ވަކި މަޛްހަބަކަށް އުޅުން މަޖުބޫރު މީހެއް ވެސް ނޫނެވެ. ވީމާ 4 އިމާމުންނަށް ތަބަޢަވެގެން އުޅުމަކީ ވެސް މައްސަލައެއް ނޫނެވެ. 

މިސާލަކަށް އެއްކަމެއްގައި އިމާމް ޝާފީ ޢަމަލުކުރެއްވި ގޮތަށް އަމަލުކޮށްފައި އެހެންކަމެއްގައި މާލިކީ މަޛްހަބްގައި އޮތް ގޮތަށް ޢަމަލުކުރުމަކީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. މަޛްހަބީ ޚިލާފުތައް ބޮޑުވެ މައްސަލަތައް ހޫނުވެގެންދަނީ މިކަންކަން ޤަބޫލު ނުކުރެވޭތީއެވެ. 

މިސާލަކަށް ވުޟޫ ކުރުމަށްފަހު އަންހެނެއްގެ ގައިގައި ބީހިލެވުމުން ވުޟޫ ގެއްލުމާއި ނުގެއްލުމާއި ނަމާދަށް ޙަރަމް ބަންނަ ތަނާއި ކުރާ ދުޢާތައް ތަފާތުވުމަކީ އެއްވެސް މައްސަލައެއް ހުރި ކަންކަމެއް ނޫނެވެ. ވީމާ މިފަދައިން ހުރި ކަންކަމުގައި ތިމާ އަމަލުކުރާ ގޮތް އެއީ އެންމެ މޮޅު ގޮތް ކަމަށް ދެކި މައްސަލައަކަށް ނުހަދާށެވެ! ޚިލާފް ހުރި މިފަދަ ކަންކަމުގައި ތިމާ އަމަލުކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް އަމަލުކުރާ މީހުންނާއި ޢަދާވާތްތެރި ނުވާށެވެ. 

ކީރިތި ޤުރްއާނަށާއި ސުނަނަތަށް ފުރިހަމައަށް ތަބަޢަވުމުން ހުރިހާ މައްސަލަތަކެއް ޙައްލުވީއެވެ! އެއަށް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލުކުރަން އުޅެފިނަމަ އެމީހަކު އެދަނީ ޙައްޤުގެ މަގުން އެއްކިބާވެގެންނެވެ.

އިސްލާމް ދީން އަހަރެމެންނަށް އެނގެން އޮތީ ކީރިތި ޤުރްއާނާއި ރަސޫލް () ގެ ސުންނަތާއި ޙަދީޘްފުޅުތަކުންނެވެ. ޞަޙާބީން ޢަމަލުކުރެއްވެވި ގޮތުންނެވެ. އެބޭކަލުންގެ ބަސްފުޅުތަކުންނެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. 

ޞަޙާބީންގެ ޒަމާނުގައި އެބޭކަލުން އެބޭކަލުންގެ ގިނަ ވގުތުތައް ހޭދަކުރައްވަވާފައިވަނީ ދީނުގެ ކަންކަން އިތުރަށް އުނގެނިވަޑައިގަތުމަށެވެ. ނަމަވެސް ޒަމާން ފަސްވެ އެކަން މިއަދު މިވަނީ ބަދަލުވެފައެވެ. ދީނުގެ ކަންކަން ދަސްކުރުމަކީ އެކަމަށް ޝައުޤުވެރިވާ ބައެއްގެ ކަމަކަށް މިވަނީ ވެފައެވެ. 

ވީމާ މިއަދު ދީނުގެ ކަންކަން ދަސްކުރަން ބޭނުން ނަމަ އޮތީ އިސްލާމް އުނގެނިވަޑައިގެން އިސްލާމް ދީނަށް ޢަމަލުކުރައްވާ ޢިލްމުވެރިންގެ ކިބައިން ކަންކަން ދަސްކުރުމެވެ. އެބޭފުޅުން ދަސްކޮށްދެއްވާ ގޮތަށް ޢަމަލުކުރުމެވެ. ކުރީގެ މަޝްހޫރު، ބޮޑެތި ޢިލްމުވެރިންގެ ލިޔުއްވުންތައް ކިޔައި ކަންކަން އުނގެނުމެވެ! 

ޢިލްމުވެރިންގެ އަރިއަހުން ކަންކަން ނުއުނގެނި އިސްލާމް ދީން އޮޅުމެއް ނުފިލާނެއެވެ. އެހެނީ ކީރިތި ޤުރްއާނުގެ ލަފްޒީމާނައިގެ އިތުރުން ތަފްސީރު ވެސް އެނގެން އެބަ ޖެހެއެވެ. ޙަދީޘްފުޅުތަކާއި ބެހޭ ގޮތުން އިތުރަށް އުނގެނެން ޖެހެއެވެ. މިއިން ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ ހަމަ ޢިލްމުވެރިންގެ އަރިއަހުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން