ތިމާއަށް މަގުފަހިވެފައި ނެތުމުން ކުރެވެން ނެތް އަޅުކަމަށް ކަންބޮޑުނުވެ ކުރެވެން ހުރި އަޅުކަން ވީހާ ގިނައިން ކުރާމީހަކަށް ހުރިހާ ކަމަކަށް މަގުފަހިކޮށް ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ތިމާއަށް މަގުފަހިވެފައި ނެތުމުން ކުރެވެން ނެތް އަޅުކަމަށް ކަންބޮޑުނުވެ ކުރެވެން ހުރި އަޅުކަން ވީހާ ގިނައިން ކުރާމީހަކަށް ހުރިހާ ކަމަކަށް މަގުފަހިކޮށް ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ތަޤްވާވެރިވެވި ހެޔޮ ޢަމަލުތައް ކުރަން ފެށުމުން ވީހައި ގިނައިން އަޅުކަންކުރަން ބޭނުންވާނެއެވެ. އަދި ވީހާ ގިނަ އަޅުކަންކުރަންވެސް ބޭނުންވާނެއެވެ. ނަމަވެސް ދިރިއުޅުމުގެ ޙާލަތާއި އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުންނަ މިންވަރުގެ ސަބަބުން ނުކުރެވިދާނެ ބައެއް ކަންކަންވެސް އެބަހުއްޓެވެ. އަދި ބޭނުންވާ ކޮންމެ ވަޤުތަކު ނުކުރެވިދާނެ ކަންކަންވެސް އެބަހުއްޓެވެ. އެފަދަ މީހުންވެސް މާޔޫސްވާކަށް ނުޖެހެއެވެ. މިމަގުން ޢަމަލުތައް ކުރަމުން ގެންދާށެވެ.

"ތިބާގެ އިޚްތިޔާރު ނެތް ކަންކަމަށް ވިސްނަން ވަގުތުތައް ބޭކާރުނުކޮށް އެކަންކަން ﷲ އަށް ވަކީލްކުރާށެވެ! އެކަންކަމަށް ވިސްނަން ރޭގަނޑުގެ ނިދި ނަގައިލުމުގެ އެއްވެސް ބޭނުމެއް ނެތެވެ!

ކުރެވެން ހުރި ކަންކަން ކޮށް ސުވަރުގެ ވަންނާށެވެ! ބުއްދިވެރިންނަކީ އެއީއެވެ! 

ކުރެވެން ނެތް އަޅުކަންކަން ކުރަން ވިސްނުމުގައި ވަގުތުތައް ބޭކާރު ނުކުރާށެވެ! ކުރެވެން ހުރި އަޅުކަން ވީހައި ގިނައިން ކޮށް އާޚިރަތަށް ގެންދާނެ ހެޔޮ އަމަލުތައް ގިނަކުރާށެވެ!" 

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅެކެވެ. މި ބަސްފުޅުން އެނގިގެންދަނީ ކޮންމެ މީހކު ވެސް ބަލަންވީ އެމީހަކަށް ކުރެވެން ހުރި ހެޔޮ ޢަމަލުތައް ވީހައި ގިނަކުރަން ކަމެވެ. 

ޙާލަތާއި ދިރިއުޅެން ޖެހޭ މާޙައުލާއި އަތްމަތި ތަނަވަސްކަން ހުރި މިންވަރާއި މިފަދަ ކަންކަން އެންމެންނަށް ހުންނާނީ އެއްގޮތަކަށް އަދި އެއް މިންވަރަކަށް ވެސް ނޫނެވެ. ވީމާ ކުރަން ކިތަންމެ ބޭނުންވި ނަމަވެސް ނުކުރެވޭނެ ކަންކަން ހުރެދާނެއެވެ. 

މިސާލަކަށް ޙައްޖާއު ޢުމުރާ ވެވޭނީ އަތުގައި ފައިސާ ހުރިނަމައެވެ. ކީރިތި ޤުރްއާން ކިޔެވުމަށާއި އެ ނޫންވެސް އަޅުކަން ކުރަން ބޭނުންވާ ކޮންމެ ވަގުތަކު އެކަން ނުކުރެވިވެސް ހިނގައިދާނެއެވެ. ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ހުންނަ ގޮތުންނާއި އަދާކުރާ ވަޒީފާގެ ގޮތުންނާއި މިފަދަ އެތައް ސަބަބުތަކެއް މެދުވެރިވާތީއެވެ. 

އެހެންކަމުން ގޭތެރޭގެ މަސައްކަތުގައި އުޅެން ޖެހޭތީ އަޅުކަން ކުރަން އިށީނދެ އިންނާނެ ވަގުތު ނެތް މީހުން މަސައްކަތުގައި އުޅެމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ޛިކުރުތައް ކިޔާށެވެ! ވަޒިފާގެ މާހައުލުގައިވެސް ވީވަރަކުން މިކަންކަން ކުރާށެވެ! އަބަދުވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ! ﷲ ތަޢާލާ ހަނދުމަކުރުމަކީވެސް ހަމަ އަޅުކަމެކެވެ. އީމާންތެރިކަން ވަރުގަދަވެ ފާފަކުރުމާއި ދުރުހެލިވެވޭ ސަބަބެކެވެ. 

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ..." (އަލް ބަޤަރާ: 152) 

ވީމާ އަޅުކަންކުރަން ބޭނުންވާ މީހާއަށް އެކަން ކުރެވޭނެ މަގު ﷲ ތަޢާލާ މިވަނީ ވަރަށް ބޮޑަށް ތަނަވަސްކޮށްދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ވީހައި ގިނައިން އަޅުކަންކުރާށެވެ! އާޚިރަތަށް ގެންދާނެ މުދައު އެއްކުރުމަކީ އެއީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން