ރިސޯޓު މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު މި 5 އަހަރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފައިޞަލް ވިދާޅުވީ، މި ވައުދު ފުއްދެވުމަށް ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ރިސޯޓު މުވައްޒަފުންނަށް އަޅުގަނޑު ޔަޤީންކަން ދޭން ބޭނުންވަނީ ތިބޭފުޅުންނަށް ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު. އެމަނިކުފާނު އެކަމަށްޓަކައި އެދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ މި 5 އަހަރު ނިމޭއިރު ރިސޯޓުތަކުގެ މުވައްޒަފުންނަށާއި މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ކޮށްދޭން ވިދާޅުވި ވައުދު ފުއްދަވާނެ ކަމަށް. އަދި މި ކަމުގެ މަސައްކަތް ކުރިއަށްދާ މިންވަރު އަމިއްލަފުޅަށް ބައްލަވަމުންނާއި މޮނިޓަރ ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.