ގިނަ ބައިވެރިން ވަކިވަނީ އެހެން ލޯބިވެރިއަކު ލިބިގެނެއް ނޫން! ސަބަބުތަކާ ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ގިނަ ބައިވެރިން ވަކިވަނީ އެހެން ލޯބިވެރިއަކު ލިބިގެނެއް ނޫން! ސަބަބުތަކާ ޙައްލު މިއޮތީ!

ލޯބިވެގެން އުޅެފައި ވަކިވެއްޖެނަމަ ގިނަ ފަހަރަށް އަޅުވާނެ ބަދުނާމަކީ އޭނާ ކޮންމެވެސް މީހަކު ދެކެ ލޯބިވެގެން ވަކިވީ ކަމަށެވެ. ޒަވާޖީ ޙަޔާތެއް ވޭތިކުރަމުންވެސް ކައިވެނި ރޫޅައިލާން ބޭނުންވެގެން ބުނެފިނަމަވެސް ފުރަތަމަވެސް ހީކުރާނީ ހަމަ މިފަދަ ގޮތަކަށެވެ. މަކަރު ހަދައި ކޮންމެވެސް ލޯބިވެރިއަކު ހޯދީކަމަށެވެ. 

އެކަން އެގޮތަށް މެދުވެރިނުވާކަމަކަށް ނުބުނަމެވެ. ނަމަވެސް ގިނަ ފަހަރު އެޙާލަތު މެދުވެރިވަނީ ކޮންމެހެން އެހެން މީހަކުދެކެ ލޯބިވެގެން އޭނާ އާއި ގުޅޭކަށް ނޫނެވެ. އަނެކާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރާތީ މާޔޫސްވަމުންގޮސް ކެތްތެރިކަން ކޮޅުންލުމުންނެވެ. ނުވަތަ އިޞްލާޙްކުރަން ބުނާ ކަންކަން އިޞްލާޙްނުކުރުމުން އިޞްލާޙްކުރާނެ ކަމުގެ އުންމީދު ގެއްލުމުންނެވެ. 

ދެމީހުން ދުރުވާ މައިގަނޑު ސަބަބަކީ އެކަންކަން ކަމުގައި ބަލަންޖެހޭ ސަބަބަކީ މިބުނި ކަންކަމަށް ސަމާލުކަންދީގެން އުޅޭ ދެމަފިރިން ވަކިވާންޖެހުމުގެ މައްސަލަތައް މަދުވާތީއެވެ. އެފަދަ ދެމަފިރިން ވަކިވެފައި ހުންނަނީ ވަރަށް މަދުންނެވެ. 

ވީމާ ކައިވެނި ދަމަހައްޓަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އަނެކާގެ އިޙްޞާޞްތަކަށް އިޙްތިރާމްކުރާށެވެ. ދެވަނަ ކަމަކަށް ބައިވެރިޔާ އިޞްލާޙްކުރަން އެދޭ ކަންކަން ލަސްނުކޮށް އިޞްލާޙްކުރާށެވެ. އެއްވެސް ކަމެއް އިޞްލާޙްކުރަން ބައިވެރިޔާ އެދޭނީ ސަބަބުތަކެއް ހުރުމުންނެވެ. 

ބައެއް ފަހަރު ތިމާ ކުރަން ބޭނުންވާ ކަމެއްކުރުން ހުއްޓާލަން ބުނެފާނެއެވެ. ވީމާ ކަމެއް ހުއްޓާލަން ބުނެފިނަމަ ވިސްނައިލާށެވެ. މުހިންމީ ނުވަތަ ތިމާއަށް ފައިދާ ބޮޑުވާނީ އެކަމެއް ކުރުމުން ހެއްޔެވެ؟ ނޫނީ ބައިވެރިޔާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް ބައިވެރިޔާއާއިއެކު ދިރިއުޅުމުން ހެއްޔެވެ؟ ޖަވާބު ނެރެންވާނީ ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ.

ބައިވެރިޔާ އެދޭ ގޮތަށް ކަންކަން ބަދަލުކުރުމުގެ ހިތްވަރު ލިބިގަނެ ބަދަލުކުރުމަކީ ތިމާގެ ކޮޅު ދެރަވުމެއް ނޫނެވެ. އެއީ ތިމާގެ ކޮޅު މޮޅުކުރުމެވެ. ސަބަބަކަށްވަނީ އެންމެ މޮޅު އެންމެ ކާމިޔާބު މީހުންނަކީ ޒަވާޖީ ޙަޔާތުގައި އެންމެ އުފަލުގައި އުޅެވޭ މީހުން ކަމުގައިވާތީއެވެ. އެންމެ އުފަލުގައި އުލެވުމަށްވުރެ ބޮޑު ކާމިޔާބަކީ ކޮބައިހެއްޔެވެ؟ 

މިވާހަކަކޮޅު ނިޞްބަތް މިކުރީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ދެމީހުންނަކީވެސް އަނެކާ އެދޭގޮތަށް ކަންކަން ބަދަލުކުރެވޭ މީހުންނަށްވެގެންނޫނީ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެއެވެ. 

- މިއީ ދިރިއުޅުމުގެ ކަންކަމުގައި ލަފާދެއްވާ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. 

- ޝަމްވީލާ / މިއަދުނޫހަށް

މިއަދު އޮންލައިން